އދ. ހުވަހަންދޫގައި ހިންގާ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާއިން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު އުމުރުން 74 އަހަރުގެ ޗައިނާ ފިރިހެނަކު ގެނބިގެން އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ގެނބުނު މީހާ މަރުވެފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފައެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންތައް ހުރިގޮތް ބެލުމަށް އިންސްޕެކްޝަންތައް ފަށައިފައެވެ.