ކ. ހުރާ ރައްޔިތުން ޕިކްނިކް ދިއުމަށް ބޭނުންކުރާ "ރަށްގަނޑު" ބިޑްކުރުމަކާ ނުލައި އަދި ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެމްޑީޕީގެ އެކްޓިވިސްޓަކަށް ސަރުކާރުން ކުއްޔަށް ދީފި ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ހުރާގެ ކައުންސިލްގެ ނައިބް ރައީސް އީސާ ވިދާޅުވީ "ރަށްގަނޑު" ކުއްޔަށް ދިންކަން ކައުންސިލްގެ މެންބަރުންނަށް އެނގުނީ ވެސް އެ ރަށަށް ދަތުރު ދިޔަ ބަޔަކާ ދިމާލަށް އެ ރަށުގައި ތިބި ބަޔަކު އެ ރަށަށް ނޭރުމަށް އެންގުމުން ކަމަށާއި އެ މީހުން ރަށަށް އައިސް ކައުންސިލްގެ މެންބަރުންގެ ކައިރީގައި އެ ވާހަކަ ހިއްސާކުރުމުން ކަމަށެވެ.

އީސާ ވިދާޅުވީ ރަށްގަނޑު ކުށްޔަށް ދިން މައްސަލާގައި މައުލޫމާތު ހޯދުމަށް ގުޅުމުން ގައުމީ އިދާރާ އިން ބުނީ ސަރުކާރަށް ފައިސާ ހޯދަން ޖެހޭތީ 2500 ޑޮލަރަށް ]38550ރ. އަށް[ އެ ރަށް ކުއްޔަށް ދިން ކަމަށެވެ. އީސަ ވިދާޅުވީ ހުރާ ރައްޔިތުން ބޭނުން ކުރަމުންގެން އަންނަ ރަށެއް ކައުންސިލަށް ނޭނގި ކުއްޔަށް ނުދެވޭނެ ކަމަށާއި އެ ރަށް ބީލަމަށްލި ނަމަ ހުރާގެ ކައުންސިލްގެ ފަރާތުން ވެސް ރަށްގަނޑު ވިއްކާލި އަގަށް ނުވަތަ އެއަށް ވުރެ ބޮޑު އަގަކަށް ވެސް ނަގާނެ ކަމަށެވެ.

"މިސަރުކާރުން ކަނޑުވެސް ވިއްކާލަނީ، ފަޅުވެސް ވިއްކާލަނީ، މިގޮތަށް ރަށްތައް ވިއްކަން ވެއްޖެ ނަމަ އަޅުގަނޑުމެން ރާއްޖެ ތެރޭގެ މީހުން ވަރަށް ނިކަމެތިވާނެ. ސަރުކާރުން ހެދިހާ އެއްޗެށް ހެދިޔަކަ ނުދޭނަން. މި ފަޅުރަށް ވެސް ބިޑަކާނުލައި އެމްޑީޕީގެ މީހަކަށް ދީގެން އެތަނުން ފައިދާ ނަގާކަށް ހުރާގެ ރައްޔިތުން ފުރުސަތެއް ނުދޭނަން. ސަރުކާރަށް އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން އެ ރަށް ބިޑުކޮށްގެން އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް ދިނުމަށް؛" އީސަ ވިދާޅުވި އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ރަށްރަށުގެ އިހްތިސާސްތައް ކަނޑަނާޅާ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާނުކޮށް ފަޅުރަށްތައް "އެމްޑީޕީގެ މެމްބަރުންނަށް ދެމުން ގެންދަނީ" ގާނޫނާ ހިލާފަށް ކަމަށެވެ.

"މި އަހަރުގެ ނޮވެމްބަރު މަސް ނިމިގެންދިޔަ އިރު ވެސް އަދިއެއް ނެތް އަތޮޅު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅާފައެއް. އެކަމަކު ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅާފައި އޮތް އިރު ވެސް އެ ކައުންސިލްތަކަށް އަންގަން ޖެހޭ ގޮތަށް އެކަން އެންގިފައެއް ނެތް. އަދި ކައުންސިލްތަކުގެ ބާރެއް ނެތި ފަޅު ރަށްރަށާއި ރަށްރަށުގެ ފަޅުތައް ވެސް ސަރުކާރުން ވިއްކަމުން އެދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެ ރަށް ބީލަމަށް ނުލައި ކުއްޔަށް ދިން މައްސަލާގައި ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ސަރުކާރުން ގެޒެޓްކޮށްފައިވާ އިރު އެ ގާނޫނުގެ 61 ވަނަ މައްދާގެ ޅ. ގައިވާ ގޮތުގެ މަތިން ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުތެރޭގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅައި ނިންމަން ޖެހޭ ކަމަށެވެ.