05 Dec 2019, 20:44
ބާރުވެރި ކައުންސިލްތަކަކާއެކު އާ އަހަރު ފަށަން ތައްޔާރުކަމަށް ސަރުކާރުން ބުނެފިއެވެ.
ކައުންސިލްތަކަށް އިތުރު ބާރުތައް ލިބިދޭ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު ރައީސް އޮފިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ކައުންސިލްތަކަށް ލިބިދޭއިތުރު ބާރުތަކާއެކު ބާރުވެރި ކައުންސިލްތަކަކާއެކު އާ އަހަރު ފަށަން ސަރުކާރުން ތައްޔާރު ކަމަށެވެ.
ކައުންސިލްތަކަށް އިތުރު ބާރުތައްދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައިރު، ކައުންސލިްތަކުގެ ތިންބައިކުޅަ އެއްބައި ޕަސެންޓަކީ އަންހެނުންނަށް ހާއްސަ ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުމަށް އަޅާފައިވާ އަނެއް ފިޔަވަޅަކީ އަންނަ އަހަރުގެ ނަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމަށް 1.6 ބިލިއަން ރުފިޔާ ހިމެނުމެވެ. މިއީ މާލީގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަށް އެޅި ފިޔަވަޅެކެވެ.
ކައުންސިލްތައް ބާރުވެރި ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ބަޖެޓުގެ ބާރުވެރި ކައުންސިލްތަލަށް މިއަދު މަގުފަހިވެއްޖެ ކަމަށެވެ. އަންހެނުންނަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑި ކަށަވަރު ކޮށްދެވިއްޖެ ކަމަށާއި ލައުންސިލަރުންގެ އަދަދުވެސް އިތުރު ކުރެވިއްޖެ ކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރަށްރަށުގެ ބިމުގެ މިލްކުވެރިކަން އެ ރަށްރަށަށް ދެވިއްޖެ ކަމަށެވެ.
"ރަށްރަށުގެ އިހުތިސޯސް ކަނޑައެޅިއްޖެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިއްޖެ. ރައީސުލްޖުމްހޫރިއްޔާ، ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ބޭފުޅުން އަދި ވަކިން ހާއްސަކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން، ޕާޓީ ސެކްރެޓޭރިއޭޓު، އެޖެންޑާ19 ކޮމެޓީ އަދި މި ބިލްގެ މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް މަރުހަބާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުކުރީ ރައީސް ނަޝީދުވެ ވެރިކަމުގައެވެ. ލާމަރުކަޒީ ނިޒާމެއްގައި ކައުންސިލްތައް ބާރުވެރިކުރުމަކީ އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާ ކަމެކެވެ.