05 Dec 2019, 20:26
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ލ. މާބައިދޫ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޑިވިޝަނުގައި ހިމެނޭ ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި 51 އަހަރުގެ ދިވެހި ފިރިހެނަކާ ދެކޮޅަށް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ހަތަރު މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ ހަތަރު މަައްސަލައިގެ ތެރެއިން އެއް މައްސަލާގައި ޖިނާއީ ކުށުގެ ދައުވާ ކުރެވޭނެ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށާއި އަނެއް ތިން މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި މިހާރުވެސް ދައުވާ ފެށިގެން ކުރިއަށްދާ މައްސަލައެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވީ މިއަދު ކަމަށްވެސް ފުލުހުން ބުންޏެވެ.
މިހާރު ޝަރީއަތް ފަށާފައިވާ މައްސަލާގައި ކޮޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ޝަރީއަތަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.