މިސްކިތެއްގައި ފަތިސް ނަމާދަށް ހުރި މީހެއްގެ އަތްދަބަސް ފޭރިގަނެގެން މީހަކު ފިލައިފި އެވެ.

ނޫރު މިސްކިތަށް ހުކުރު ވިލޭ ރޭ ފަތިސްނަމާދަށް ދިޔަ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ފާރުމަތިން ފުންމާލައިގެން ވަގަކު ވަދެ އެ އަންހެން މީހާ ނަމާދަށް ހުއްޓައި އޭނާ ދަމާ ވައްޓާލުމަށް ފަހު އަތްދަބަސް ފޭރިގަނެގެން ފިލީ ކަމަށެވެ.

އޭނާ އަދި ބުނީ ނަމާދުގެ ފުރަތަމަ ރަކުއަތަށް ހަރަމް ބަނދެ އިމާމް މީހާ އަލްހަމްދު ކިޔަން ފެށިވަގުތު މިސްކިތު ތެރޭގައި އަންހެނެއްގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑު އިވެން ފެށުމުން ފިރިހެނުންގެ ބައިގައި ނަމަދަށް ތިބި މީހުންގެ ތެރެއިން ދެ މީހަކު ގޮސް ބެލި އިރު އަންހެން މީހާ ވައްޓާލައިފައި އޮއްވައި ފެނިފައިވާ ކަމަށެވެ.

އަންހެން މީހާއާ ހަވާލާދީ އޭނާ ބުނީ ފުރަތަމަ ރަކުއަތަށް ހަރަމް ބަން ތަނާ ވަގު މީހާ އައިސް އަތްދަބަސް ޖަހައިގަތުމުން ދަބަސް އޭނާ ދޫނުކުރުމުން ދަމާކާތައްފާއި މިސްކިތުން ބޭރަށް ގެނައިސް އަތްދަބަސް ހިފައިގެން ރައްކާވީ ކަމަށެވެ. އަދި އެ އަތްދަބަހުގައި އޭނާ ގެންގުޅޭ ފޯނުގެ އިތުރަށް އެހެނިހެން ސާމާނާއި 1500 ވަރަކަށް ރުފިޔާ ހުންނާނެ ކަމަށް އެ މީހާ ބުނި ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ނަމާދަށް ހުއްޓައި މީހެއްގެ އަތްދަބަހެއް ފޭރިގަތް މައްސަލައެއް ފުލުހުނަށް ހުށައަޅާފައިވާ ކަމާށައި އަދި އެމީހާ ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ވަނަ ފުރުސަތުގެ ދަށުން ބޮޑެތި އަދި ގިނަ ކުށްވެރިންތަކެއް އާންމުންގެ ތެރެއަށް ދޫކޮށްލުމުން ވައްކަން ކުރުން އިތުރުވެ، މީސްމީހުންގެ އެއްޗިއްސަށް ގެއްލުންދޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.