05 Dec 2019, 16:49
ކުޅުންތެރިންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ގައުމީ ކުރިކެޓް ޓީމްގެ ކުރީގެ ކޯޗް އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އާސިފް އަމީން ޚާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް 9 ދައުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ.
އަށާރަ އަހަރުން ދަށުގެ ކުޅުންތެރިންގެ އިތުރުން 18 އަހަރުން މަތީގެ ކުޅުންތެރިންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އޭނާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރު ކުރިއިރު، ހައްޔަރު ކުރިތާ 24 ގަނޑިއިރަށް ވުރެ ގިނައިރުވެފައިވާތީ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގައި، އޭނާގެ ފުށުން ގޯނާ ލިބުނު ކުދިންގެ އާއިލާތައް ނުރުހުން ފާޅުކުރަމުން ދަނިކޮށް، ހައި ކޯޓުގެ އަމުރަކާއެކު އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކޮށް، ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.