26 Nov 2011, 10:01
ޒިނޭކުރާ މީހުންގެ ގައިގައި ހައްދުޖެހުމާ ގުޅޭ ގޮތުން އާންމު ބަހުސަކަށް ގޮވައިލެއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވީ ޕިއްލޭ ދެއްކެވި ވާހަކަ ކުށްވެރިކޮށް، އޭނާ ރާއްޖެ އިން ފޮނުވާލުމަށް ގޮވާލައި އަމިއްލަ ބަޔަކު ކުރަމުން އަންނަ މުޒާހަރާގެ ބޮޅެއް ރޭ ވެސް ބާއްވައިފި އެވެ.
ޕިއްލޭއާ ދެކޮޅަށް އަޑުއުފުލުމަށް ގޮވައިލައި ފަށާފައިވާ މުޒާހަރާތައް ރޭ ފަށާފައި ވަނީ 9 ޖެހި އިރު، ސުނާމީ ބިނާ ކައިރިންނެވެ. ނަމަވެސް މަޖީދީމަގާއި އަމީނީމަގުން ގޮސް ޔޫއެންޑީޕީ އޮފީސް ހުންނަ އިމާރާތް ކައިރިއަށް ގޮސް ވެސް އެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ.
ނަވީ ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އަށް ގޮންޖައްސަވައި ވާހަކަ ދެއްކެވި އިރު މަޖިލީހުގެ މެންބަރުން ހަމަހިމޭނުން ތިއްބެވީތީ އެ ބޭފުޅުން އެކަމަށް ޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލައިފަ އެވެ.
ޒިނޭކުރިކަން ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހައްދު ޖަހަން ޖެހޭނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔަ އެވެ. އޭގެ އިތުރުން ސާކްސަމިޓަށް އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުހިމެނޭ މޮނިއުމަންޓްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި އިސްލާމްދީނާ ޚިލާފް އެއްވެސް އެއްޗެއް ރާއްޖޭގައި ނުބެހެއްޓޭނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.
މަޖީދީމަގުގައި ޝުއޫރު ފާޅުކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން ވަނީ އަމީނީމަގުން ގޮސް ޔޫއެން ބިލްޑިންގް ކުރިމައްޗަށް ދިޔުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ޔޫއެން ބިލްޑިން ކުރިމަށްޗަށް ނުދެވޭނެހެން އަމީނީމަގުން ޔޫއެން ބިލްޑިން އާ ދިމާލަށް ދާން އޮންނަ މަގު ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ތިބެވެސް މުޒާހަރާގެ ބައިވެރިން ވަނީ ޕިއްލޭ ރާއްޖެ އިން ބޭރަށް ފޮނުވާލުމަށާއި އދ. އިން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ބުނެ އަޑުއުފުލާފަ އެވެ.
ސުނާމީ ބިނާ ކައިރިޔަށް ގޮސް މުޒާހަރާ ނިންމާލިކަން އިއުލާންކުރީ ރޭ 11:45 އެހާކަން ހާއިރު އެވެ. މުޒާހަރާ ނިންމާލަމުން މުޒާހަރާ ލީޑު ކުރި މަދަނީ އިއްތިހާދުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަބްދުﷲ މުހައްމަދު ވިދާޅުވީ އދ. އިން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ނޭދޭ ނަމަ ސިލްސިލާކޮށް މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ.
ރޭގެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވެސް ނުވެ އެވެ.