ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށާއި، އަދި ފަސް ކައުންސިލަރުން ތިބޭ ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެ ބިލު މިއަދު ފާސްކޮށްފި އެވެ.

އާބާދީ ކުޑަ ރަށްތަކުގެ ކައުންސިލުގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.

ޝިޔާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނު އަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް ކަމަށާއި މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެމްބަރުން ކަމަށެވެ. އަދި އެ ފަސް ކައުންސިލަރުންގެ ތެރޭގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް ވަނީ ގާނޫނު އިސްލާހު ކޮށްފަ އެވެ.

އަދި 3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކައުންސިލުތަކުގައި ތިން އަންހެން ކައުންސިލަރުން ތިބުން ވަނީ ލާޒިމް ކޮށްފަ އެވެ.

މިއަދު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

މި އިސްލާހަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ވިދާޅުވީ މިއީ ވަރަށް "މާތް" އިސްލާހެއް ކަމަށާއި މިކަމުގެ އުފަލުގައި ރާއްޖޭގެ ހުރިހާ އަންހެނުން "މާ އުކަން" ފެނިވަޑައިގަންނަވާ ކަމަށެވެ.

ޝިޔާން ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ 76 މެމްބަރުންގެ ވޯޓުންނެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް -- ފޮޓޯ/ މަޖިލިސް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވެސް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. ނާޒިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީ ކައުންސިލްތަކުގައި 13 ކައުންސިލަރުން ތިބެންޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ނަމަވެސް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އާބާދީއަށް ބަލައި 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ މާލޭ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން، އައްޑޫ ސިޓީ ކައުންސިލަށް 13 ކައުންސިލަރުން އިންތިހާބުކުރަން ޖެހޭނެއެވެ.