26 Nov 2011, 09:20
ވޮޝިންގޓަން (ނޮވެމްބަރ 26) : 2011 ވަނަ އަހަރަކީ އެމެރިކާގެ ބާރާއި ނުފޫޒުން މެދުއިރުމަތި މިނިވަންވި ތާރީޚީ އަހަރަށްވާނެ ކަމަށާއި އެމެރިކާގެ ބާރާއި ނުފޫޒުން މިނިވަންވެފައިވާ އައުމެދުއިރުމައްޗެއް މިހާރު އުފަންވަމުންދާކަމަށް "ޓައިމް" މަޖައްލާއިން ބުނެފިއެވެ.
މިމަޖައްލާގެ އެންމެފަހުގެ ޢަދަދު ބުނިގޮތުގައި އެމެރިކާގެ ބާރާއި ނުފޫޒުގައި ދިގުމުއްދަތަކަށް ވެރިކަން ކުރައްވަމުންގެންދެވި މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކާއި ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ ފަދަ މެދުއިރުމަތީގެ ޑިކްޓޭޓަރުން، ރައްޔިތުންގެ އިންޤިލާބުތަކުގައި ވެއްޓިގެންދިޔައިރު އެމެރިކާވަނީ ހަދާނެގޮތެއް ނޭންގި ޙައިރާންވެފައެވެ. ހުސްނީ މުބާރަކަށްފަހު މިސްރުގެ ވެރިކަން އޭނާގެ ޖެނެރަލުން ހިމެނޭ ޢަސްކަރީ މަޖިލީހުގެ ދަށަށް ދިޔުމުން އެޖަމިލީހަށް ނުފޫޒުފޯރުވޭނެކަމުގެ އުންމީދުގައި ކޮންމެވެސް ހިތްހަމަޖެހުމެއް އެމެރިކާއަށް ލިބުނެވެ.
ނަމަވެސް މުބާރަކްގެ ވެރިކަން ވައްޓާލިގޮތަށް ޢަސްކަރީ މަޖިލީހުގެ ވެރިކަން ވައްޓާލުމަށް ގޮވާލައި މިސްރުގެ ރައްޔިތުން މައިދާނުއްތަޙްރީރުގައި މިލިޔަނުން އުތުރިއަރައި ރައްޔިތުންގެ ދެވަނަ އިންޤިލާބެއް މިސްރަށް އަންނަންފެށުމުން އެމެރިކާވަނީ ގެންގުޅޭނެ ސިޔާސަތެއް އަދި އަޅަންޖެހޭ ފިޔަވަޅެއް ނޭންގި ހުއްޓުންއަރާފައެވެ. މިމަޖައްލާ ބުނިގޮތުގައި މިދިޔަ ހަފްތާގައި މިސްރުގެ ޢަސްކަރީ މަޖިލީހާ ދެކޮޅަށް ސުލްހަވެރި މުޒާހަރާކުރި މިލިޔަނަކަށްވުރެގިނަ މީހުންގެ ތެރެއިން 40 އަށްވުރެ ގިނަމީހުން މަރައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލާފައިވަނީ އެމެރިކާ މިސްރަށް ދީފައިވާ ހަތިޔާރުންނެވެ. މިކަންހާމަކޮށް މިސްރުގެ ޒުވާނުން ޓްވިޓަރ ގައި އެމެރިކާ ބޭޒާރުކޮށްލުމުން އޮބާމާގެ ސަރުކާރުވަނީ ލަދުވެތިވެ "ރޭރު" ވެފައެވެ.
ޑިމޮކްރަސީއަށް ގޮވާލައި ސުލްހަވެރިކަމާއެކު މުޒާހަރާކޮށް ޚިޔާލުފާޅުކުރަމުންގެންދާ މިސްރު ރައްޔިތުން އެމެރިކާގެ ހަތިޔާރުގައި ޑަޒަން ޑަޒަނަށް މަރުވެގެން ދިޔުމަކީ ޑިކްޓޭޓަރުންގެ ފަހަތުގައި އެމެރިކާ އޮތްމިންވަރު ހާމަވެގެން ދިޔަކަމެއް ކަމުން ޑިމޮކްރަސީގައި އެމެރިކާގެ ބަހާއިޢަމަލު ދިމާނުވާމައްސަލަ އަނެއްކާ މިވަނީ ފެންމަތިވެފައެވެ. މިމަޖައްލާ ބުނާގޮތުން މިސްރާމެދު ގެންގުޅޭނެ ސިޔާސަތެއް އެކަށައަޅެމުގައި އެމެރިކާވަނީ ނުކުޅެދިފައެވެ. މިހެންވަނީ އެމެރިކާއަށް ފައިދާބޮޑީ ޢަސްކަރީ މަޖިލީހުގެ ޚުދުމުޚްތާރު ވެރިކަމަށް ބަރޯސާވުންތޯ ނޫނީ ގޮތްނޭންގޭ ޑިމޮކްރެޓިކް ވެރިކަމަކަށް މަރްޙަބާ ކިޔުންތޯ މިދެގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރަން އެމެރިކާއަށް ދަތިވުމުންނެވެ.
ޚުދުމުޚްތާރު ވެރިކަމެއްގައި އެމެރިކާގެ ނުފޫޒު މިސްރުގައި އަލުންހިންގުމުގެ ފުރްސަތުލިބި އިސްރާއީލަށް ރައްކާތެރިކަންދޭ ކޭންޕްޑޭވިޑް މުޢާހަދާ ދެމެހެއްޓިދާނެކަމަށް އެމެރިކާ ދެކޭއިރު، ޑިމޮކްރެޓިކް ވެރިކަމެއްގައި މިސްރުން އެމެރިކާގެ ނުފޫޒު ކެނޑި ކޭންޕްޑޭވިޑް މުޢާހަދާ އުވާލައި އިސްލާމީ ޚިޔާލުގެ މީހުން މިސްރުގެ ވެރިކަމަށް އައުމުގެ ފުރްސަތު ބޮޑުކަމަށް އެމެރިކާ ދެކޭތީ އެމެރިކާއަށްވަނީ މިސްރާމެދު ގެންގުޅޭނެ ސިޔާސަތެއް ނޭންގިފައެވެ.
މިމަޖައްލާ ބުނާގޮތުން އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ނެތެމުންދާކަން މިހާރުވަނީ ކަށަވަރުވެފައެވެ. މިކަން ކަށަވަރުވަނީ ސަޢޫދީ އަރަބިޔާފަދަ އެމެރިކާގެ އެކުވެރި ޤައުމުތައް އެމެރިކާގެ ނަސީޙަތް އަޑުނާހާއިރު އީރާންފަދަ އެމެރިކާއާ ދުޝްމަން ޤައުމުތައް އެމެރިކާދެކެ ކުޑަކޮށްވެސް ޖެހިލުންނުވާތީއެވެ. މިގޮތުން ޢިރާޤުން އެމެރިކާ ފައިބާއިރު ނުރުހުމުގެ ބަހެއްނޫނީ ނުލިބޭއިރު މެންބަރުކަން ހޯދުމަށްޓަކައި އދ.އަށް ނުދިޔުމަށް އެމެރިކާކުރި އިލްތިމާސްތަކަށް ނިކަމެތި ފަލަސްތީނު ފާޅުގައި ގޮންޖަހާފައިވުމަކީ އެމެރިކާގެ ބުރަދަންނެތްކަން ސާބިތުވާ ކަންކަމެވެ.
ބަޙްރައިންގައި ޑިމޮކްރަސީއަށް ގޮވާލައި މުޒާހަރާކުރި މީހުންނާ ވާހަކަދެއްކުމަށް އެމެރިކާ އެދިފައިވަނިކޮށް މުޒާހަރާކުރި މީހުންގެ ދުވަސްދުއްވާލުމަށްޓަކައި ސަޢޫދީ ސަރުކާރުން އެޤައުމުގެ ބާރުތައް ބަޙްރައިންއަށް ފޮނުވުމާއި ސޫރިޔާ ކުށްވެރިކޮށް އދ. ން ޤަރާރެއް ފާސްކުރުމަށް އެމެރިކާކުރި މަސައްކަތް ޗައިނާއާއި ރަޝިޔާ ގުޅިގެން ނާކާމިޔާބުކޮށްލުމާއި އެމެރިކާގެ ހަރުކަށި އިންޒާރުތަކަށް އީރާން ޑަރުހީނުވުމާއި އިސްރާއީލާ ސުލްޙަވުމަށްއެދި އެމެރިކާ ކުރާއިލްތިމާސްތަކަށް ތުރުކީ އިޖާބަނުދިނުމަކީވެސް އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތިން ކުޑަވެގެންދިޔަމިންވަރު ހާމަވާ ކަމެއްކަމަށް ޓައިމް މަޖައްލާ ބުނެއެވެ. (ޓައިމް)