05 Dec 2019, 14:52
ދިއްލީ (ޑިސެމްބަރު 5): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ރޭޕްގެ މައްސަލައަކާ ގުޅިގެން މިއަދު ކޯޓަށް ދިޔަ އަންހެނެއްގެ ގައިގައި ރޯކޮށްލައިފި އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން 23 އަހަރުގެ އެ އަންހެން މީހާގެ ގައިގައި ރޯކުރި މީހުންނަކީ މީގެ އަހަރެއް ކުރިން އޭނާ ރޭޕް ކުރި މީހުން ކަމަށް އޭނާ ވަނީ ފުލުހުންނަށް އަންގާފަ އެވެ.
"އެ އަންހެން މީހާގެ ގައިގައި ރޯކުރީ މީގެ އަހަރެއް ކުރިން އޭނާ ރޭޕް ކުރި ދެ މީހުންނާއި އިތުރު ތިން މީހުންވެގެން ކަމަށް އޭނާ ވަނީ ބުނެފަ. އެ ދެ މީހުންނަކީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ މީހުން،" ފުލުހުން ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.
އެ އަންހެން މީހާގެ ގައިގައި ރޯ ކުރީ އޭނާގެ ރޭޕްގެ މައްސަލައިގެ ޝަރީއަތަށް ކޯޓަށް ދިޔަ މަގުމަތީގަ އެވެ.
އެ އަންހެން މީހާއަށް މިހާރު ފަރުވާ ދެމުންދާ ލަކްނޯ ހޮސްޕިޓަލުން ބުނި ގޮތުގައި އޭނަގެ ހަށިގަނޑުގެ 90 ޕަސެންޓު ވަނީ އަނދާފަ އެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ދޭ ފަރުވާ ވަރަށް މުހިއްމު ކަމަށާއި އޭނަ ދިއްލީގެ ހޮސްޕިޓަލަކަށް ބަދަލު ކުރުން އެކަށީގެންވާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
އިންޑިއާ ޓުޑޭގައިވާ ގޮތުން އެމައްސަލައިގައި ފުލުހުން ވަނީ އަންހެން މީހާގެ ގައިގައި ރޯކުރުމުގައި ބައިވެރިވި ފަސް މީހުންވެސް ހައްޔަރުކޮށްފަ އެވެ.
އުއްތަރަޕްރަދޭޝްގައި އެހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ހައިދަރުއާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، އަންދާލި ފަހުންނެވެ. އެމައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ގޮވާލާ އިންޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ.
އިންޑިއާގައި 2012 ވަނަ އަހަރު 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރަކު ބަހެއް ތެރޭގައި ރޭޕްކުރުމަށް ފަހު މަރާލި މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ އެވެ. އަދި އޭގެ ފަހުން އެގައުމުން ރޭޕްގެ މައްސަލަތަކުގައި ދޭ އަދަބުތައް ހަރުކަށި ކުރި ނަމަވެސް، އެގައުމުގައި އަނިޔާވެރި ޖިންސީ ހަމަލާތަކުގެ މައްސަލަތައް މަދުވެފައެއް ނުވެ އެވެ.
އެގޮތުން އެގައުމުގެ ސަރުކާރުން އެންމެ ފަހުން އާއްމު ކުރި ކުށުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު 33،658 ރޭޕްގެ މައްސަލަ ފުލުހުން ރެޖިސްޓާކޮށްފައިވެ އެވެ. އެއީ އެވުރެޖުކޮށް ދުވާލަކު 92 ރޭޕްގެ މައްސަލަ އެވެ.