05 Dec 2019, 14:23
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ކަމަށް މަރިޔަމް ވަހީދާ އަދި ނައިބު ރައީސް ކަމަށް އަހުމަދު ގައިސް އިންތިހާބުކޮށްފި އެވެ.
ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހުއާއި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމުތަކަށް، މަރިޔަމް ވަހީދާ، އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސް އައްޔަން ކުރަން މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
އެ ތިން ބޭފުޅުންވެސް މިއަދު ހެނދުނު ބްރޯޑްކޮމްއަށްް އައްޔަންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝަހީބު އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ ރައީސްކަން މިވީހާތަނަށް އޮތީ ހުސްކޮށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރު ކަމުން އައިމިނަތު ޒައިނާ ވަކި ކުރުމުން ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުވެސް އޮތީ ހުސްކޮށެވެ.
ބްރޯޑްކޮމްއިން މިއަދު ބުނީ ހުސްވެފައިވާ އެ ދެ މަގާމަށް މިއަދު ބޭފުޅުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ރައީސްގެ މަގާމަށް އިންތިހާބު ކުރީ މަރިޔަމް ވަހީދާ އެވެ. އަދި ނައިބު ރައީސް ކަމަށް އިންތިހާބު ކުރީ ގައިސްއެވެ.
މަރިޔަމް ވަހީދާ އަކީ މީޑިއާ ދާއިރާގެ ތަޖުރިބާކާރެކެވެ. ޓީވީއެމުގައި ގިނަ އަހަރުތަކެއް ވަންދެން އޭނާ ހަބަރާއި ޕްރޮގްރާމުތައް ހުށަހަޅައި ދެއްވި އެވެ. މީގެ ކުރިން ޓީވީއެމް ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބޯޑް އަދި މިފަހުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑްގައި ވެސް މަރީ ހުންނެވި އެވެ.
ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ގދ. އަތޮޅު ކައުންސިލަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް އޭނާ ވާދަ ކުރެއްވި އެވެ. އޭނާ މީޑިއާގެ ދާއިރާގެ މަސައްކަތެއް ކުރިކަން އެނގިފައި ނުވެ އެވެ.
އަދިވެސް ބްރޯޑްކޮމްގެ މަގާމެއް ހުސްކޮށް އެބަ އޮތެވެ. އެއީ ކޮމިޝަނުގެ ނައިބު ކަމުގައި ހުރި ޒައިނާ ވަކި ކުރުމުން ހުސްވި މަގާމެވެ. ޒައިނާ ވަކިކުރުމުން ބަދަލުގައި ހަމަޖައްސަން ރައީސް ފޮނުއްވި ތިން ނަމުގެ ތެރެއިން އެއްވެސް ނަމެއް ތަޅުމަށް ފޮނުވަން މިިނިވަން މުއައްސަސާ ކޮމިޓީގައި ފާހެއް ނުވި އެވެ. އެހެންވެ، އެ މަގާމަށް ހަމަޖެއްސުމަށް އަލުން ނަންފުޅުތަކެއް ފޮނުއްވައި ދެއްވުމަށް ރައީސްއަށް ދެންނެވުމަށް ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.