ގާނޫނު އަސާސީގައިވާ ހައްގުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ޔޫއެންޑީޕީ އާއި ޝަރުއީ ދާއިރާ އާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ފަށާފައިވާ "ޑިޑް ޔޫ ނޯ" ކެމްޕެއިންގެ ދެ ވަނަ ފިޔަވަހި މިއަދު އިފްތިތާހު ކޮށްފި އެވެ.

އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ.

"ޑިޑް ޔޫ ނޯ" ކެމްޕެއިންގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ރާޅުގަނޑު ސަރަހައްދުގައި މިއަދު ބޭއްވި ހާއްސަ ހަވީރުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެއްސަކު އަދި ބިދޭސީއަކަށް ވިޔަސް ރާއްޖޭގައި ގަލަމުން ނުވަތަ ދުލުން ވިޔަސް އިސްލާމީ ތަރަހައިން ބޭރުގައި ހިޔާލުފާޅެއް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅުތަކުގައި އުޅޭ ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ހައްގުތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވާ އިރު އެ ހައްގުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭން ބޭނުންކުރެވޭނެ ވަސީލަތްތަކަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ލިބިދޭން ޖެހޭ ހިދުމަތްތައް ވީހާ ވެސް ފަސޭހަ ގޮތެއްގައި އަދި އަވަސް ގޮތެއްގައި ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ދައްކާއިރު އެ ހައްގުތަށް ލިބިދޭ އުސޫލުތަކެއް ވެސް އެބަހުރި ގާނޫނު އަސާސީގައި ކަނޑައަޅާދީފައި. އެހައްގުތައް ލިބެންވީ ފަރާތްތަކުން އަމަލު ކުރަންވީ ގޮތްތަށް ވެސް އެގާނޫނު އަސާސީގައި އެބަހުރި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ މިހާރު އަމަލުކުރަމުން މިދާ ގާނޫނު އަސާސީ އުފެދިގެން މިވީ ކުޑަ ދުވަސްތަކުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައި އެބަހުރި ކަމަށާއި ނަމަވެސް އަދިވެސް ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Faiz Hussein (mp3)