ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މީހެއްގެ އަދަބަށް މައާފު ދެވޭނެ ނުވަތަ އަދަބު ލުއި ކޮށްދެވޭނެ ދެ ގޮތެއް ރައީސުލްޖުމްހޫރިއްޔާއަށް އޮވެ އެވެ. އެއް ގޮތަކީ ކްލެމެންސީ ބޯޑުގެ ލަފަޔަށް ރިއާޔަތް ކޮށް ލުއެއް ދޭން ނުވަތަ މައާފް ދޭން ނިންމެވުމެވެ. އަނެއް ގޮތަކީ، މައާފު ދިނުމާއި އަަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެއްވެސް އިލްތިމާސަކާ ނުލައި، ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތީން މައާފު ނުވަތަ ލުއި ދިނުމެވެ.

ގާނޫނުގައިވާ ގޮތުން ކްލެމެންސީ ބޯޑުގެ ރައީސަކީ ބަންޑާރަނައިބެވެ. އަދި އެ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ ބޭނުން ފޯރުކޮށްދޭނީ ބަންޑާރަނައިބުގެ އޮފީހުންނެވެ.

މިއަދު ބަންޑާރަނައިބުގެ އޮފީހުން ބުނީ، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށެވެ. އަދި 49 މީހެއްގެ އަދަބު ލުއިކޮށްދޭން ނުވަތަ މައާފުކޮށްދޭން ނުފެންނަ ކަމަށް ކެލްމެންސީ ބޯޑުން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ކުށް ކުރި މީހާއަށް، މައާފު ދެވޭނެ ނުވަތަ އަބަދު ލުއި ކޮށްދެވޭނެ ހަތަރު ގޮތެއް ވެ އެވެ.

އެ ހަތަރު ގޮތަކީ:

  • ކުށުގެ ހުކުމަށް އެއްކޮށް މައާފް ދިނުން

  • ހުކުމް ތަންފީޒު ކުރުން ވަކި މުއްދަތަކަށް ފަސް ކުރުން
  • ހުކުމުގައި ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން
  • އެ މީހަކު ކުރި ކުށަކީ، އޭނާ އަށް ދިން އަދަބަށް ވުރެ ކުޑަ އަދަބެއް ދެވޭ ފަދަ ކުށެއް ކަމަށް ވާ ނަމަ، އޭނާ އަށް ހުކުމުގައި ދީފައިވާ އަދަބަށް ވުރެ ލުއި އަދަބެއް ދިނުން

މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫގައިވާ ގޮތުން ހަތް ކުށަކަށް މައާފު ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގެން ނުވެ އެވެ. ނަމަވެސް، އެ ހަތް ކުށުގެ އަދަބަށް ވެސް ލުއި ދެވިދާނެ އެވެ. އެ ކުށްތަކަކީ:

  • ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް

  • މީހަކު މެރުމުގެ ކުށް
  • އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށް
  • ޓެރަރިޒަމްގެ ކުށް
  • މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް
  • ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް
  • އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް