އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު އެންމެންނަށް ދައުވާ ކުރުމަށް ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ، މިއަދު މަޖިލީހުގެ ޖަލްސާގެ ބަޖެޓް ބަހުސްގައި ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލް އަހުމަދު ދެއްކެވި ވާހާކަތަކާ ގުޅިގެނެވެ.

އެސެޓް ރިކަވަރި ކޮމިޝަނުން މަޖިލިސް މެމްބަރުން ހިޔާނާތުގެ ފައިސާ ނެންގެވި ލީސްޓުގައި ހިމެނޭ ކަމަށް ތުހުތުކޮށްފައި ވާތީޥެ، މަޖިލީހުން އެ ލިސްޓް ހޯދުމަށް އެދިފައިވާ އިރު، އެ ލިސްޓް ލިބުން ލަސްވާތީ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވަނީ އެ ލިސްޓް ލިބުން އަވަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ފައިސާ ހޯދުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންތަކަކަށް ތުހުމަތުކޮށްފައިވާ އިރު، އެ މެމްބަރުންނަކީ ކޮން މެމްބަރުންނެއްކަން ނޭނގޭ ނަމަ އެ ތުހުމަތު ރައްދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ކަމަށެވެ. އެހެން ކަމުން އެއީ ކޮން މެމްބަރުންނެއް ކަން ނޭނގޭ ނަމަ ހިޔާނާތުގެ ފައިސާ ނުނަންގަވާ މެމްބަރުން "ހިތް ނުތަނަވަސް" ވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގެއްލިފައިވާ ފައިސާ ހޯދާ ކޮމިޝަންގައި ވަރަށް އަދަބުވެރިކަމާ އެކު އެދެން، އަދި ފުލުސް އޮފީހުގައި ވެސް އެދެން، ޕްރޮސެކުއުޓާ ޖެނެރަލްގެ އަރިހުން ވެސް އެދެން، އެމްއެމްޕީއަރުސީގެ ފައިސާގައި ޖެހިފައިވާ އެންމެހާ ފަރާތްތަކާ ގުޅޭ ގޮތުން ދައުވާ އުފުލައި ދިނުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ފައިސާގައި ޖެހުނު ފަރާތްތައް ވަރަށް ސާފުކޮށް، ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް އެނގޭނެ ކަމަށެވެ. އެ ތަހުގީގަށް އެމްޑީޕީން ވެސް އެހީތެރިވެފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް، އެމްޑީޕީއަށް ލިބުމާ ގުޅިގެން އެ ތަކެތި ދެވުނީ ފޮރެންސިކް އެކައުންޓެންޓެއްގެ އަތަށް. އެ ފޮރެކްސިކް އެކައުންޓެންޓްގެ ރިޕޯޓް އޮތް ގޮތަށް ބަންޑާރަ ނައިބާ އެމްޑީޕީގެ ޗެއާޕަސަން ވަނީ ހަވާލުކުރައްވާފައި. ބަންޑަރަ ނައިބު ވަނީ އެ ރިޕޯޓު އޮތް ގޮތަށް ފައިސާ ހޯދާ [ރިޔާސީ] ކޮމިޝަނާ ހަވާޅުކުރައްވާފައި،" އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއީ ވަރަށް ތަފްސީލީ ރިޕޯޓެއް ކަމަށާއި އަދީބާ މުއާމަލާތް ކުރި މެމްބަރުންނާއި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް ވެސް އެ ރިޕޯޓުގައި ހިމެނޭނެ ކަމަށެވެ.

"ފުލުުހުންނަކަށް ވެސް އަދި އެހެން ބަޔަކަށް ވެސް ނުދެންނެވޭނެ ތަހުގީގު ކުރާތީ ލަސްވަނީއޭ. މި ވާހަކަ މި ދަައްކަނީ މިކަން ވަރަށް ރަނގަޅަށް އެނގިހުރި މީހެއް،" ނަޝީދު ވިދާޅުވި އެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއަރުސީގެ ފައިސާގައި ޖެހުނު ފަރާތްތަކަށް ދައުވާ ކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އިރު، މިހާނަށް އެ ހިޔާނާތާ ގުޅިގެން ދައުވާކޮށްފައި ވަނީ ތިން ފަރާތަކަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއަރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށެވެ. އޭގެ ތެރެއިން ޝަރީއަތް ނިމި، ދައުވާ ސާބިތުވެފައި ވަނީ ހަމައެކަނި ރައީސް ޔާމީން އަށެވެ.