25 Nov 2011, 19:35
އަންނަ މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް މާދަމާ ހެނދުނު އިއުލާން ކުރުމަށް ނިންމައިފި އެވެ.
ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) މިއަދު ވިދާޅުވީ، މިފަހަރުގެ މުބާރާތަށްދާ ފައިނަލް ސްކޮޑް އިއުލާން ކުރުން މާދަމާ ހެނދުނު އެފްއޭއެމް ހައުސްގައި އޮންނާނެ ކަމަށާއި މިހާރު ޓީމުގައި ތިބި 23 ކުޅުންތެރިންގެ ތެރެއިން ބާކީ ވާނީ ތިން ކުޅުންތެރިން ކަމަށެވެ.
"ސްކޮޑުން ބާކީ ވަނީ ތިން ކުޅުން ތެރިން. މުބާރާތަށް ދާނީ 20 ކުޅުންތެރިންގެ ސްކޮޑެއް. މާދަމާ ފައިނަލްވާނެ،" ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޓީމް މާލޭގައި ކުޅުނު ދެ މެޗަށް ފަހު، މިއަދު ޓީމުގެ ކުޅުންތެރިންނަށް ރެސްޓްދީފައިވާ ކަމަށާއި އެހެންނަމަވެސް މާދަމާ ހަވީރު ގަލޮޅު ދަނޑުގައި މުބާރާތަށްދާ 20 ކުޅުންތެރިންގެ ފަރިތަކުރުންތައް އޮންނާނެ ކަމަށެވެ.
މިދިޔަ އަހަރު ކޮމެންވެލްތު ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، އެދު ވަހުގެ ފުރަތަމަ މެޗުގައި ނުކުންނަ ދެ ޓީމަކީ ބްގްލަދޭސް އާއި ޕާކިސްތާނެވެ. ދެވަނަ މެޗުގައި ނުކުންނަ ދެ ޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން 5:30 ގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ ބަންގްލަދޭޝް ގަ އެވެ. އެމުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ދެ އަހަރުން އެއްއަހަރު ބާއްވާ މުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.