14:30


ފްރާންސްގެ ކޯޗާ މައްސަލަ ޖެހިގެން، ނިކޮލަސް އަނެލްކާ ސްކޮޑުން ބާކީކޮށް އަނބުރާ ޤަވްމަށް ފޮނުވާލާއިފި އެވެ.


ޗެލްސީއަށް ކުޅެމުން އަންނަ އަނެލްކާ ޤަވްމަށް ފޮނުވާލީ މެކްސިކޯ އާއި ފްރާންސް ބައްދަލުކުރި މެޗުގައި ދިމާވި ހިތްހަމަނުޖެހުމަކާ ގުޅިގެން ކޯޗް ރޯމަން ޑޮމިނިޗާ ދެމެދު ޑްރެސިން ރޫމްގައި ހިނގި ޒުވާބަކާ ގުޅިގެން ކަމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.


މިގޮތަށް ނިންމާފައި ވަނީ ސްކޮޑްގައި ދެން ތިބި ޒުވާން ކުޅުންތެރިންނަށް ފިލާވަޅެއް ދިނުމަށް ކަމަށާއި ފްރާންސްގެ ޖާޒީ ލުމަށް ފަހު ކޮންމެ ކުޅުންތެރިއަކީ ވެސް ރޯލް މޮޑަލެއް ކަމުގައި ފްރާންސްގެ ފެޑެރޭޝަނުން ދެކޭތީ ކަމަށް ނޫސް ބަޔާނުގައިވެ އެވެ. 2002 ވަނައަހަރުގެ ވޯލްޑަކްޕްގެ ތެރޭގައި ސްވިޑްންގެ ކުޅުންތެރިޔަކު ޕްރެކްޓިސްގެ ތެރޭގައި ހިންގި މާރާމާރިއަކާ ގުޅިގެން ވެސް ވަނީ ސްކޮޑުން ބާކީކޮށް ޤަވްމަށް ފޮނުވާލާފަ އެވެ.


ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދިހަ ވަނަ ދުވަހު ކުޅޭ މެޗްތަކަށް ބަލާލާއިރު މިއަދު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އުތުރު އެމެރިކާގެ ފުޓްބޯޅައިގައި ގަދަ ބާރެއް ކަމުގައި ބެލެވޭ ޕެރަގުއޭ އާއި މިފަހަރުގެ ވޯލްޑްކަޕްގައި އަލަށް  ވާދަކުރާ ސްލޮވޭކިޔާ އެވެ.


ސްލޮވޭކިޔާގެ ޑިފެންޑަރ މާރކް ޕެޗް ބުނެފައި ވަނީ މުބާރާތުގެ ފުރަތަމަ މެޗަށް ޓީމު ނިކުތްއިރު ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށާ ނަމަވެސް މިއަދުގެ މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި މިއަދުގެ މެޗު ނިމިގެން ދާނީ ސްލޮވޭކިޔާއަށް ކާމިޔާބު ލިބިގެން ކަމަށެވެ.


ޕެރަގުއޭ ޓީމުގެ ކްލައުޑިއޯ މޯރެލް ބުނެފައި ވަނީ ސްލޮވޭކިޔާ ޓީމަކީ ގޮތް ނޭގޭ ޓީމެއް ކަމަށާ އެމީހުންނާ ދެކޮޅަށް ނިކުންނައިރު ވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި ސްލޮވޭކިޔާގެ ފޯވަޑުންނަށް ޕެރަގުއޭ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓަން ދީގެން ނުވާނެ ކަމަށެވެ.


މިއަދުގެ ދެވަނަ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ނިކުންނާނީ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދާފައިވާ ނިއުޒިލެންޑާ ދެކޮޅަށެވެ. އިޓަލީ އާއި ޕެރަގުއޭ ބައްދަލުކުރި މެޗް އެއްވަރު ވުމުގެ ސަބަބުން މީޑިޔާގެ ތަފާތު ފާޑުކިޔުންތައް ވަނީ ޓީމުގެ ކޯޗަށާ ކުޅުންތެރިންނަށް އަމާޒުވެފަ އެވެ. އެހެންކަމުން މިރޭގެ މެޗުން އިޓާލީ  ރަގަޅު ނަތީޖާއެއް ނެރުން މުހިއްމު ކަމަށާ އިޓަލީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓީމުގެ ތަޖުރިބާކާރު އެއްކުޅުންތެރިޔާ އަދި ޓީމުގެ އެއް ނަންބަރު ގޯލަކީޕަރ ބުފޮން އަށް އަނިޔާވެފައިވުން ކަމަށް އިޓަލީގެ ކޯޗް ވަނީ ބުނެފަ އެވެ. އިޓަލީ ޓީމުގެ ކެޕްޓަން ކަނަވާރޯ ބުނެފައި ވަނީ ގޯލް ޖެހުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށާ އެކަން އަދާ ކުރަން ތިބޭ ކުޅުންތެރިން އެކަން ކުރާނެ ކަމަށެވެ.


ގްރޫޕް އީގެ ޓޭބަލްގެ ވަނަތައް އަދި ދެވަނަ ބުރަށް ދާނެ ޓީމުތައް އެނގިގެން ދާނީ މިއަދުގެ މެޗްތަކަށް ފަހެވެ. މިއަދުގެ މެޗްތަކަށް ގްރޫޕް އީގެ ހުރިހާ ޓީމެއް ވެސް ނިކުންނައިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.


މިއަދު ކުޅޭ މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެ މެޗަކީ އެފްރިކާގެ އުއްމީދު އެންމެ ބޮޑަށް ގުޅިފައިވާ އައިވަރީ ކޯސްޓާ ދުނިޔޭގެ އެއްވަނައިގައި މިވަގުތު އޮތް ބްރެޒިލް ބައްދަލުކުރާ މެޗެވެ.


ބްރެޒިލް މިމެޗާ ކުރިމަތިލާއިރު، ބްރެޒިލްގެ ކޯޗް ބުނެފައި ވަނީ އުތުރު ކޮރެޔާ އާއި ބައްދަލުކުރި މެޗުގައި ބްރެޒިލް ޓީމު ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އަދި އުތުރު ކޮރެޔާ ކުޅުނު ކަހަލަ ޑިފެންސިވް ގޭމެއް އައިވަރީ ކޯސްޓުން ކުޅެން ނުވިސްނާނެ ކަމަށެވެ.


ސްވެއިން ގޯރާން އެރިކްސަންގެ އިރުޝާދާ އެކު މިފަހަރުގެ ވޯލްޑްކަޕަށް ނިކުތް އައިވަރީ ކޯސްޓްގެ ކެޕްޓަން ޑިޑިއޭ ޑްރޮގްބާ ބުނެފައި ވަނީ ބްރެޒިލް ޓީމު ކިތަންމެ ވަރުގަދަ ނަމަވެސް ޖެހިލުން ނުވާކަމަށާ އަދި ހާސްވާން ޖެހޭވަރުގެ ވަކި ކުޅުންތެރިއެއް ބްރެޒިލް ޓީމުގައި ނެތްކަމަށެވެ. އަދި އައިވަރީ ކޯސްޓަށް މިރޭގެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށެވެ.


މި މުބާރާތުގައި އެންމެ ފަހުން އައިވަރީ ކޯސްޓް ކުޅުނު މެޗުގައި، ޑްރޮގްބާ އަތުގައި ޕްލާސްޓަރ އަޅައިގެން  ހުއްޓާ ކުޅެން ނެރުމުގެ ސަބަބުން މީޑިޔާއިން ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެހެން ނަމަވެސް މިރޭގެ ފުރަތަމަ އެގާރައިގައި ޑްރޮގްބާ ނެރޭނެ ކަމަށް ބެލެވެ އެވެ.