05 Dec 2019, 09:22
ޑިޒްނީއިން މި އަހަރު ނެރުނު އެލާޑީންގެ ލައިވް އެކްޝަން ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ މީނަ މަސްއޫދަށް އަދި ވެސް އިތުރު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް އޭނާ ބުނެފި އެވެ.
ޑިޒްނީގެ ރިމޭކް އެއް ކަމަށްވާ އެލާޑިން އަކީ މިއަހަރު ބޮކްސް އޮފީހުގައި އެޅުވި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ އެއް ފިލްމެވެ. އެ ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް މީނައަށް ފިލްމުތަކުން ފުރުސަތެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.
ދާދި ފަހުން "ޑެއިލީ ބީސްޓް"އަށް ދިން އިންޓަވިއުއެއްގައި މީނަ ބުނެފައި ވަނީ އެކަމާ ގުޅިގެން ބަހެއް ނުބުނެ ހުންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެލާޑިން ރިލީޒުކުރި ފަހުން އަދި މިހާތަނަށް އެއްވެސް އޮޑިޝަން އެއްވެސް މީނަ އަށް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
"އަހަރެން ނުބުނަން އެއްވެސް ވަރަކަށް މި ފިލްމު ކުޅުނީމާ އަހަރެންނަށް އެހެން ފިލްމެއް ދޭށެކޭ. މިކިޔަނީ ފިލްމަކުން އޮޑިޝަން ކުރުމަށް ފުރުސަތު ދޭށޭ. އެ ފުރުސަތު ވެސް ނުލިބޭ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ މީނައަކީ ފިލްމީ ދާއިރާއަށް އާ ފަންނާނެއް ކަމަށެވެ. އެހެންކަމުން އޭނާ ފިލްމީ ދާއިރާގައި އުޅޭތާ މިހާރު 10 އަހަރު ވެއްޖެ ކަމަށްވި ނަމަވެސް ގިނަ ބަޔަކަށް އޭނާ އިނގެނީ އެލާޑިން އިން އެކަނި ކަމަށް ވެސް އޭނާ ބުންޏެވެ.
މީނަ ވަނީ ހުލޫގެ "ރިޕްރެއިޒަލް" ނަމަކަށް ކިޔާ ޕްރޮޖެކްޓަކުން ލީޑް ރޯލު ހޯދައިފަ އެވެ. ނަމަވެސް އެ ރޯލަކީ އެލާޑީން ރިލީޒުކުރުމުގެ ކުރީން ހޯދާފައިވާ ރޯލެކެވެ.