ފާއިތުވި 10 އަހަރުގެ ތެރޭގައި އެންމެ ގިނައިން ސްޓްރީމް ކޮށްފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އާރިއާނާ ގްރާންޑޭ އާއި ޑްރޭކްގެ ލަވަތައް ކަމަށް އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ސާވިސް ސްޕޮޓިފައި އިން ބުނެފި އެވެ.

ސްޕޮޓިފައި އިން ދާދި ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު ސްޓްރީމްކޮށްފައި ވަނީ އާރިއާނާ ގްރާންޑޭ އާއި ޑްރޭކް އާއި ބިލީ އައިލިޝް އަދި އެޑް ޝީރަންގެ އިތުރުން ޕޯސްޓް މަލޯންގެ ލަވަތަކެވެ.

އާރިއާނާގެ ލަވަތައް ވަނީ ސްޕޮޓިފައި އިން އެކަނި ވެސް 30 ބިލިއަނަށް ވުރެ ގިނަ ސްޓްރިމް ހޯދައިފަ އެވެ. އަދި ޑްރޭކްގެ ލަވަތަކަށް ވަނީ 28 ބިލިއަން ސްޓްރީމް ލިބިފަ އެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ސްޓްރީމްކޮށްފައިވާ ލަވައަކީ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" އެވެ. އެ ލަވައަށް ވަނީ ސްޕޮޓިފައި އިން އެކަނިވެސް 2.4 ބިލިއަން ސްޓްރީމްސް ލިބިފަ އެވެ.

މިއަހަރުގެ އެންމެ ގިނަ ބަޔަކު އަޑުއަހާފައިވާ ލަވައަކީ ޝޯން މެންޑޭޒް އާއި ކެމީލާ ކެބޭޔޯގެ "ސެންޔޮރީޓާ" އެވެ. އެ ލަވައަށް ވެސް ވަނީ މިހާރު އެއް ބިލިއަނަށް ވުރެ ގިނަ ސްޓްރީމް ލިބިފަ އެވެ.

ސްޕޮޓިފައިގެ އިތުރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ ދާއިރާއަކީ ބޮލީވުޑްގެ އިންޑީ ޖާންރާ އެވެ.