25 Nov 2011, 19:19
ސީޝެލްސްގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެ މެޗް ވެސް ކާމިޔާބުވުމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ދިވެހި ޤައުމީ ޓީމަށް ހިތްވަރު ލިބިއްޖެ ކަމަށް ދިވެހި ޓީމުގެ ކޯޗްއިސްތަވާން އުރުބާނީ ބުނެފި އެވެ.
ރޭ ސީޝެލްސްގެ ޤައުމީ ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު ރަހުމަތްތެރި ކަމުގެ ދެ ވަނަ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ، ކުޅުންތެރިން ލައްވާ ކުޅުވަން ބޭނުންވާ ގޮތަށް އަދިވެސް ނުކުޅުވޭކަމަށާއި އެހެންނަމަވެސް ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗް ކާމިޔާބު ވުމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށް ޓީމަށް ބޮޑު ހިތް ވަރެއް ލިބިއްޖެ ކަމަށެވެ.
"ގޯލް ޖަހާ މެޗްގެ ލީޑް ނެގުމަށް ވަރަށް ފުރިހަމަ ދެ ތިން ފުރުޞަތެއް ފުރަތަމަ ހާފު ލިބުނު. ނަސީބު ދެރައީ. ދެ ވަނަ ހާފަށް ވުރެ ފުރަތަމަ ހާފުގައި ޓީމް ދެއްކި ކުޅުން ރަނގަޅު. ދެ ވަނަ މެޗް ވެސް ސީޝެލްސްއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން ކާމިޔާބު ވުމުން އަހެން މިހިރީ ހިތްހަމަޖެހިފަ." އުރުބާނީ ބުންޏެވެ.
ސޭޝެލްސްގެ ކޯޗް ގަލް ޖޯން ލުއިސްބުނީ، ފުރަތަމަ މެޗަށް ވުރެ ދެ ވަނަ މެޗުގައި ޓީމް ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އެކަމަކު ރެފްރީގެ ނިންމުން ތަކަކީ ހިތް ހަމަޖެހޭ ވަރުގެ ނިންމުންތަކެއް ނޫން ކަމަށް ލުއިސްބުންޏެވެ.
"އަހަރެން ދިވެހި ޓީމް ހޯދި ކާމިޔާބީ އަށް މަރުހަބާ ކިޔަން. އަހަރެން ވެސް ޤަބޫލް ކުރަން ރާއްޖެ މޮޅުވުމުން ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕަށް އިތުރު ހިއްވަރެއް ރާއްޖެ ޓީމަށް ލިބިއްޖެ ކަމަށް. މިޖަތީޖާއަކީ ރާއްޖޭގެ ޓީމްއަށް ވަރަށް މުހިއްމު ނަތީޖާއެއް،" ލުއިސް ބުންޏެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މި މަހުގެ 29 ވަނަ ދުވަހު ޤައުމީ ޓީމް ދިއްލީއަށް ފުރާ އިރު، ރާއްޖެއާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ.