ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފާއިތުވި އެއް އަހަރަކީ ތަރައްގީގެ ދުވެލީގައި ރާއްޖެއިން ފާހަގަކުރެވޭ ކާމިޔާބީއެއް ހޯދާފައިވާ އަހަރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ދިން ދާއިރާ އަކުން ދޭ އެހީ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖެއިން ޑިމޮކްރަސީގެ މައިދާނުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެއް ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން މަރުހަބާ ވިދާޅުވެ މޯދީ ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާކަން ފާހަަގަ ކުރައްވައިފަ އެވެ.

"އިންޑިއާ ސަރުކާރުގެ ނެއިބާހުޑް ފަސްޓް ޕޮލިސީ އާއިި ދިވެހި ސަރުކާރުގެ އިންޑިއާ ފަސްޓް ޕޮލިސީ ޕޮލިސީއާ އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން އެންމެ ބޮޑަށް ބަދަހިވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަ ކުރައްވައި މޯދީ ވިދާޅުވީ ބީއެމްއެލްގެ އެއްބާރުލުމާ އެކު އިންޑިއާގައި ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކުރުމަކީ ރާއްޖެ ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް އިތުރު ލުޔަކަށް ވާނެ ކަމަށެވެ.

"ރުޕޭ ޕޭމެންޓް މެކޭނިޒަމް އާ އެކު ރާއްޖެ ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ބޮޑު ލުޔަކަށް ވާނެ. ބީއެމްއެލްގެ އެއްބާރުލުމާ އެކު މި ޕޭމެންޓް ސިސްޓަމް ގާއިމް ކުރުމަކީ ލިބުނު ކުރިއެރުމެއް،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ އިންޑިއާގެ އެހީގައި ހުޅުމާލޭގައި އަޅާ ކެންސާ ހޮސްޕިޓަލާއި ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އިންޑިއާ އިން ރާއްޖެއަށް ދޭ އެހީތައް އިތުރުކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.