25 Nov 2011, 19:10
އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، ރޭ ކުޅުނު ދެވަނަ މެޗް 2-1 ލަނޑުން ރާއްޖެ ކާމިޔާބު ކޮށްފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ނެގީ ސީޝެލްސް އިންނެވެ. ދެ ވަނަ ހާފުގެ 46 ވަނަ މިނެޓުގައި ސީޝެލްސްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ލެރޯއީ އެވެ.
ރާއްޖެ ޓީމްގެ މުހިންމު ކުޅުންތެރިން ނުލާ ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ދިވެހި ޓީމަށް ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އަދި އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް ރާއްޖެ މޮޅުވި ލަނޑު އޮއްޕޮ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.
ރޭގެ މެޗު ރާއްޖެއިން ފެށީ ދަގަނޑޭގެ އިތުރުން އޮއްޕޮ އާއި ކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު ތޯރިގް (ޓޮމް) ބެންޗުގައި ބަހައްޓައި ގެންނެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް ފުރަތަމަ އެޅީ މުހައްމަދު ޖަމީލެވެ. އޭނާ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ސޮބާހް މުހައްމަދު ވެސް ބޭންޑް އެޅި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ރާއްޖެ ބަލިވެފައި ވަނިކޮށް ކުޅެން ނުކުތް ކެޕްޓަން އަލީ އަޝްފާގަށް ވަނީ ކެޕްޓަން ބޭޑް ހަވާލު ކޮށްފައެވެ.
މިމެޗްގައި ރާއްޖެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށާއި ސީޝެލްސް ޓީމުގެ ކުޅުންތެރިއަކަށް ރެފްރީ އަހުމަދު އަސްލަމް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މިފަހަރުގެ ސާފްޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗް 3-0 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ވެސް ރާއްޖޭގެ ޤައުމީ ޓީމެވެ.
ސީޝެލްސްއާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް މާލޭގައި ކުޅުނު ދެމެޗް ވެސް ކާމިޔާބު ކޮށްފައިވާއިރު، ހުސްވި އޮގަސްޓް މަހު ބޭއްވި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވަނީ ސީޝެލްސްއަތުން 5-1 ލަނޑުން ބަލިވެވަ އެވެ.