ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކަން މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ހިންގާ 16 ދުވަހުގެ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ހެދިގޮނޑުދޮށުގައި ފެށި މިހަރަކާތުގައި މިއަދު އޮތީ 500 ކިލޯމީޓަރަށް ދުވުމެވެ. އެގޮތުން އެކި ހިސާބުން އެކި މީހުން ބައިވެރިވާ ގޮތަށް 500 ކިލޯމީޓަރު ހަމަވަން ދެން މާލެ ވަށައި ދުވުން މިއަދު އޮތެވެ.

"ތިނަކުން އެކެއް އިންސާފު ހޯދުމަށް" މިނަމުގައި ޖެންޑާ އެޑްވޮކޭސީ ވޯކިންގް ގްރޫޕް ނަކަމަކަށް ކިޔާ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ބަނޑޮސް އައިލެންޑް ރިޒޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީނު ބައިވެރިވަޑައިގަތެވެ.

މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ފާސްކުރިޔަސް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ]އަންހެނުންނަށް ކުރާ އަނިޔާތައް[ ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ޓަކައި ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލު ފާސްވުމުން އަނިޔާގެ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަމަކީ ރާއްޖޭގައި ހިނގަމުންދާ ކަމެއްކަން ގަބޫލުކުރުން ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އަންހެނުންނަށް އަނިޔާއާ ކުރިމަތި ނުވާނެ ގޮތަކަށް ކަންތައްތައް ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Muizzu (mp3)