25 Nov 2011, 18:50
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ނަވީ ޕިއްލޭ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަތަކާ ދެކޮޅަށް އަޑުއުފުލައި އޭނާ ރާއްޖެ އިން ފޮނުވާލުމަށް ގޮވައިލައި ބަޔަކު ޔޫއެން ބިލްޑިންގް ސަރަހައްދުގައި މިއަދު މުޒާހަރާކޮށްފި އެވެ.
ސަތޭކަ ފަންސާސް ވަރަކަށް މީހުން ޔޫއެން ބިލްޑިންގް ސަރަހައްދަށް މިއަދު ހަވީރު އެއްވެ އަޑުއުފުލާފައި ވަނީ ޕިއްލޭ އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި ދެއްކެވި ވާހަކަތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
މުޒާހަރާގެ ބައިވެރިން ފުރަތަމަ މަސައްކަތްކުރީ ޔޫއެން ބިލްޑިންގް ހުންނަ ގޯޅިއަށް އަމީނި މަގުން ވަދެގެން އައިސް ޝުއޫރު ފާޅުކުރަމުން އައިސް ޔޫއެން ބިލްޑިންގް ކުރިމައްޗަށް ދިޔުމަށެވެ. ނަމަވެސް ޔޫއެން ބިލްޑިންގް ކައިރިއަށް ނުދެވޭނެ ކަމަށް ބުނެ ފުލުހުން މަގު ބަންދު ކުރުމުން އެ ތަނުގައި ތިބެ ޕިއްލޭ ފޮނުވާލުމަށް ގޮވާލައި އަޑުއުފުލަން ފެށި އެވެ.
އެމީހުން ގޮވަމުން ދިޔައީ ޒިނޭ ކުރާ އަންހެނުގެ ގައިގައި ހައްދުޖަހައިގެން ނުވާނެ ކަމަށް ބުނެ ޕިއްލޭ ވާހަކަ ދައްކާފައިވާ ކަމަށާއި އެހެންކަމުން ޕިއްލޭ ރާއްޖޭގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ޒިނޭކުރާ މީހުންގެ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށާއި އެމީހުން ނުކުންނަނީ އިސްލާމްދީން ހިމާޔަތްކުރުމަށް ކަމަށް ވެސް ގޮވަމުން ދިޔަ އެވެ.
އެ ސަރަހައްދުގައި ފަނަރަ ވަރަކަށް މިނެޓްވަންދެން ޝުއޫރު ފާޅުކުރަން ތިބުމަށް ފަހު ފުލުހުންގެ ހުއްދަ އާ އެކު އެ މީހުން ބުރުޒުމަގު ކަންމައްޗަށް ގޮސް އަޑުއުފުލަން ފެށި އެވެ.
ބުރުޒުމަގު ކަންމަތީގައި ތިބެ އިނގިރޭސި ބަހުން ޕިއްލޭއާ މުހާތަބުކޮށް ރާއްޖެ ދޫކޮށް ދިޔުމަށް ވަނީ ގޮވައިލައިފަ އެވެ. މުޒާހަރާ ނިންމާލައިފައި ވަނީ މަޢުރިބް ނަމާދު ވަގުތު ކައިރިވެފައިވާތީ ކަމަށް މުޒާހަރާ ނިންމާލަމުން މުޒާހަރާ ލީޑު ކުރި މަދަނީ އިއްތިހާދުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
މުޒާހަރާގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.
މުޒާހަރާ ނިންމާލީ މިރޭ 9:00 ގައި ސުނާބީ ބިނާ ކައިރި އަށް މުޒާހަރާ ކުރަން ދިއުމަށް ދައުވަތު ދެމުންނެވެ.