އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް އަންނަ މަހު ބޮޑު މުޒާހަރާއެއް ބާއްވައި އެ މުޒާހަރާގައި މަދުވެގެން އެއްލައްކަ މީހުން ބައިވެރިވާނެ ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.

މަދަނީ އިއްތިހާދުގެ ފަރާތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިއްތިހާދުގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ދީނާ ޚިލާފު ތަފާތު ކަންތައްތަކެއް މިހާރު ކުރަމުންދާ ކަމަށާއި އެކަންކަން ހުއްޓުވުމަށް ބާއްވާ ބޮޑު މުޒާހަރާ ފެށޭނީ އަންނަ ޑިސެމްބަރު މަހުގެ 23 ވާ ހުކުރު ދުވަހު ހަވީރު ތިންބާރު ވަކި ކުރި ސަރަހައްދުން ކަމަށެވެ.

"މިހަރަކާތް ފުރަތަމަ ފެށޭނީ ތިންބާރު ވަކިކުރި ސަރަހައްދުގައި. މިހަރަކާތަކީ އަޅުގަނޑުމެން މަގުސަދު ހާސިލްކުރާނެ ހަރަކާތެއް،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި ހަރަކާތުގައި އެއްލައްކަ މީހުން ބައިވެރިވާނެ ކަމަށެވެ.

އެ ހަރަކާތުގައި ރާއްޖޭގެ ހުރިހާ ޖަމްއިއްޔާތަކާއި ސިޔާސީ ޕާޓީތަކާއި ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ބައިވެރިވުމަކީ އެ ބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ދީދީ ވިދާޅުވީ ސާކްސަމިޓަށް އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތައް ކައިރީ ބޭރު މީހުން އަޅުކަންކުރަމުން ގެންދާކަމަށާއި އެ މަންޒަރު ދިވެހި ދަރީންނަށް ދެއްކުމަކީ އެ ކުދިންގެ ކިބައިގައި ބުދަށް އަޅުކަން ކުރުމުގެ ރޫހު އަށަގަންނާނެ ކަމެއް ކަމަށެވެ.

"އައްޑޫގައި ބަހައްޓާފައި އެހެރަ ބުދުތައް ކައިރިން ބޭރު މީހުން ދާއިރު އެދަނީ ކުރުނީސް ކުރަމުން. އެއަށް އަޅުކަންކުރަމުން. އެމަންޒަރު އަޅުގަނޑުމެންގެ ދަރީންނަށް ފެނޭ. އެހެންވީމާ ބުދަށް އަޅުކަން ކުރުމުގެ ރޫހު އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި އަށަގެންނާނެ،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

އަބްދުﷲ މުހައްމަދު ވިދާޅުވީ އައްޑޫގައި ބުދުތައް ބެހެއްޓި ވާހަކަ ދެއްކުމުން އެއީ ބުދުތަކެއް ނޫން ކަމަށާއި މޮނިއުމެންޓްތަކެއްކަމަށް ބުނެ އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މޮނިއުމަންޓަކީ އިނގިރޭސި ބަހުން ބޭނުންކުރާ ބަހެއް ކަމަށާއި ބުދުދީނުގެ މީހުން އަޅުކަންކުރާ ޒާތުގެ ބުދުތައް ރާއްޖޭގައި އެއްވެސް ގޮތަކަށް ބެހެއްޓިގެން ނުވާނެ ކަމަށެވެ. އަދި އެ ބުދުތައް މިހާރުން މިހާރަށް ނެގުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ގައުމުގައި ލާދީނީ ފިކުރު ގާއިމްކޮށް ތަފާތު ނަންނަމުގައި ބުދުތައް ބަހައްޓައިގެން އެކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ލެޔާއި ކުޅެލުން،" އަބްދުﷲ ވިދާޅުވި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވަނެތެމް ޕިލޭ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވި އިރު އެތާންގައި މަޖިލީހުގެ މެންބަރުން ތިއްބެވުމަކީ އެ ބޭފުޅުން ލަދުވެތިވެ މާފަށް އެދެން ޖެހޭނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދީނާއި ޚިލާފް އެފަދަ ވާހަކަތަކެއް ދެއްކެވިގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިތިބި މެންބަރުން އެމީހުން ހޮވާފައިތިބި ބޭނުމާއި ޚިލާފަށް މިއަދު މަޖިލީހުގައި ތިއްބެވީ. މިއަދު އެތާ އެ އަޑުއަހަން އެތިބި ތިބުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލަދުވެދިވާން ޖެހޭނެ ކަމެއް. އެކަމަކު އެ ބޭފުޅުން މައާފަށް އެދެން ޖެހޭނެ ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.