އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލުގައި ގެދޮރު ކުއްޔަށް ދީގެން ލިބޭ އާމްދަނީއިން ނަގާ ޓެކުހުގައި ހަމަހަމަކަން ނެތް ކަމަށް ބުނެ ދާންދޫ ދާއިރަގެ މެންބަރު ޔައުގޫބު އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިންކަމްޓެކްސް ނެގުމުގެ ބިލަށް ބަހުސް ކުރައްވަމުން ޔައުގޫބު މިއަދު ވިދާޅުވީ މިހާރު ބިލު އޮތްގޮތުން އެންމެ މީހެއްގެ ނަންމަތީ އޮންނަ ގެޔެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އިން ޓެކްސް ދައްކަން ޖެހެނީ އެކި ބޭންޑުތަކުން ކަމަށެވެ.

"މަހެއްގެ މައްޗަށް 200،000 ރުފިޔާ އަށް ވުރެ އިތުރުވެއްޖެނަމަ 15 ޕަސެންޓު ދައްކަން މިޖެހެނީ. ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 500،000 ރުފިޔާ އަށްވުރެ މަތީ އާމްދަނީ އިން 15 ޕަސެންޓުގެ ޓެކްސް އެއް ދައްކަން އެބަޖެހޭ،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ ދެމީހެއް ނުވަތަ އެއަށްވުރެ ގިނަ މިހެއްގެ ނަންމަތީ އިންނަ އެޕާޓްމެންޓެއް ނުވަތަ ގެޔެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އަކީ ވިޔަފާރި ފައިދާ އެއް ކަމަށާއި އެ ހާލަތުގައި އެމީހުންނަށް ލިބޭ ފައިދާ 500،000 ރުފިޔާ އަށްވުރެ އިތުރު ނަމަ ޓެކުހުގެ ގޮތުގައި އާމްދަނީގެ 15 ޕަސެންޓު ދައްކަން ޖެހޭ ކަމަށެވެ.

"އެވެސް ހަމަ ރެންޓަލް އިންކަމް. އިންޑިވިޖުއަލް މީހާއަށްވެސް ހަމަ ލިބެނީ ރެންޓަލް އިންކަމް. އޭނާއަށް އެހާލަތުގައި 5.5 ޕަސެންޓް ދައްކައިގެންވެސް މެނޭޖު އެބަކުރެވޭ. ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އޯންކުރާ އެޕާޓްމެންޓެއް ނޫނީ ގެޔެއް ވެއްޖެއްޔާމުން އެމީހުން އަތުން އެބަނެގޭ 15 ޕަސެންޓް،" އާންމު ފަރުދުންގެ އަތުން ނަގާ ޓެކްސް އާއި ވިޔަފާރި ފައިދާ އިން ނަގާ ޓެކުހުގެ ފަރަގު ފަހަގަ ކުރައްވާ ޔައުގޫބު ވިދާޅުވިއެވެ.

"އެއީވެސް އެއް މައްސަލަ. އަނެއް މައްސަލައަކީ އެކެއްގެ ނަމުގައި ހުންނަ ގެޔެއް ނޫނީ އެޕާޓްމެންޓެއް. އޭނާ މަރުވެގެން އޭނާގެ ވާރުސިންގެ މައްޗަށް ބަދަލުވެގެން ދިިޔައީމާ ބަދަލުވަނީ ޑީމްޑް ޕާޓްނާޝިޕަކަށް. ކުރީގެ ކުޑަ ރޭޓުން ދައްކަމުން އައި ޓެކްސް އެބަ ބަދަލުވޭ ބޮޑު ރޭޓަށް،" ޔައުގޫބު ވިދާޅުވިއެވެ.

މެންްބަރު ޔައުގޫބު ވިދާޅުވީ ބިލު މިހާރު އޮތްގޮތުން ރެންޓަލް ޓެކްސް ދައްކާ މީހުންނަށް އޮތީ ތަފާތު އުސޫލުތަކެއް ކަމަށާއި ބިލު ފާސްކުރާއިރު އެފަދަ ފަރާތްތަކަށް ހަމަހަމަ އުސޫލެއް ގާއިމް ކުރުމަށް ގޮވާލާ ކަމަށެވެ.

އިންކަމް ޓެކްސްގެ ގާނޫނަށް ކޮމެޓީ މަރުހަލާގައި ހަ އިސްލާހެއް ގެނަ އެވެ. އޭގެ އިތުރުން، 26 އިސްލާހެއް އެ ބިލަށް މިހާރު ހުށަހެޅިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވިދާޅުވި އެވެ. މި ބިލު ފާސް ކުރުމަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ އެވެ.