25 Nov 2011, 14:13
ކާބުލް (ނޮވެމްބަރ 25) : އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ނޭޓޯގެ ބާރުތަކުން އަފްޣާން ކުޑަކުދިންގެ ތެރެއިން 6 ކުއްޖަކު މަރާލި ޖަރީމާ އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ކުށްވެރިކުރައްވައިފިއެވެ.
ކަރުޒާއި ސޮއިކުރައްވައި އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ނޭޓޯގެ ޙަމަލާތައް ސިފަކުރައްވާފައިވަނީ ޤަބޫލުނުކުރެވޭނެ ޖަރީމާއެއްގެ ގޮތުގައެވެ. ހަނގުރާމައިގާ ކުޑަކުދިން ޙިމާތްކުރުމަށާއި ކުށެއްނެތް ޢާންމުންނަށް ޙަމަލާތައް ނުދިނުމަށް ތަކުރާރުކޮށް ނޭޓޯއަށް އަންގާފައިވާނެ ކަމަށްވެސް ކަރުޒާއިގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އަފްޣާނިސްތާނުގެ ކަންދަހާރުގެ ގަވަރނަރ ނިޔާޒު މުޙައްމަދު ހާމަކުރެއްވި ގޮތުގައި މިޙަމަލާތައް ދީފައިވަނީ ނޭޓޯގެ ލަޝްކަރުގައި ހިމެނޭ އެމެރިކާ ސިފައިންނެވެ. ތާލިބާނުންގެ ބަޔަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ބޮންއަޅާފައިވަނީ އަފްޣާނިސްތާނުގެ ޒަހްރު ސަރަޙައްދުގައި ކުޑަކުދިންތަކެއް ކުޅެންއުޅުނު ހިސާބަކަށް ކަމަށާއި އެމެރިކާގެ ޙަމަލާތަކުގައި މަރުވެފައިވަނީ ކުޅެންއުޅުނު ކުޑަކުދިންތަކެއް ކަމަށްވެސް ނިޔާޒު މުޙައްމަދު ވިދާޅުވިއެވެ.
ނޭޓޯއިންވަނީ މިމައްސަލަ ތަޙްޤީޤްކުރާނެ ކަމަށްބުނެފައެވެ. މިއީ ނޭޓޯގެ ޙަމަލާތަކުގައި އަފްޣާނިސްތާނުގެ ކުށެއްނެތް އާންމުން ޑަޒަން ޑަޒަނަށް މަރުވަމުންދާތާ 10 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރުވެސް ނޭޓޯ ބުނަމުންގެންދާ އާންމު ވާހަކައެކެވެ. ވައިގެ ޙަމަލާތައްދީ އަފްޣާން ޢާންމުން މެރުމުގެ ޖަރީމާ ހިންގާ ނޭޓޯގެ ސިފައިންނަށް އެއްވެސް އަދަބެއް ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން ނޭޓޯއާ ދެކޮޅަށް ހަނގުރާމަކުރާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުންވަނީ ނޭޓޯގެ ހެލިކޮޕްޓަރެއް ކާބުލްއަށް ވައްޓާލައި ނޭޓޯ ސިފައިންގެ ބަޔަކު މަރާލެވިއްޖެކަމަށް ބުނެފައެވެ. ނަމަވެސް ނޭޓޯއިންވަނީ މިކަން ދޮގުކޮށްފައެވެ. ނަމަވެސް ކުއްލި ޙާލަތެއްގައި ކާބުލްއަށް ހެލިކޮޕްޓަރެއް ޖައްސާފައިވާ ކަމަށް ނޭޓޯ އެއްބަސްވެފައިވެއެވެ. (ނޫސްއެޖެންސީތައް)