04 Dec 2019, 08:54
ދުނިޔޭގެ މަގުބޫލު ޔޫޓިއުބަރުންތަކެއް ގުޅިގެން 20 މިލިއަން ގަސް އިންދުމަށް ފެށި ޕްރޮޖެކްޓުން މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
މަޝްހޫރު ޔޫޓިއުބަރެއް ކަމަށްވާ "މިސްޓަރ ބީސްޓް" އިސްކޮށް ހުރެ ގަސް އިންދުމުގެ ބޮޑު ޕްރޮޖެކްޓު ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ.
އެއާއެކު އެކި ފަރާތްތަކުންގެ މެދުގައި ވާދަވެރިކަން އުފެދިގެން ގޮސްފައިވަނީ އެންމެ ގިނަ ގަސް އިންދުމަށެވެ. އެގޮތުން އެކި މީހުންގެ ތެރޭގައި ވާދަވެރިކަން އުފެދި މަޝްހޫރު ފަރާތްތަކުންވެސް ގަސް އިންދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެންމެ ގިނަ ގަސް އިންދާފައިވަނީ ޓޯބީ ލުޓްކީއެވެ. އޭނާ ވަނީ 1،000،001 ގަސް އިންދުމަށް ފައިސާ ހަދިޔާކޮށްފައެވެ. ލިސްޓުގެ ދެވަނައިގައި އޮތީ ޓެސްލާގެ ސީއީއޯ އިލޯން މަސްކް އެވެ. އޭނާ ވަނީ 1،000،000 މިލިއަން ގަސް އިންދުމަށް ފައިސާ ހަދިޔާކޮށްފައެވެ.
މިސްޓަރ ބީސްޓް ބުނެފައިވަނީ މިހާރު އަމާޒުކޮށްފައިވަނީ މި އަހަރު ނިމުމުގެ ކުރީން 20 މިލިއަން ގަހުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ކަމަށެވެ.
ފަންޑަށް ލިބޭ ފައިސާ ހަވާލުކުރާނީ އެމެރިކާގެ ނޮން ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ އާރބާރ ޑޭ ފައުންޑޭޝަނާއެވެ. އެ ޖަމިއްޔާއަކީ ގަސް އިންދުމުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ފަރާތްތަކެވެ.