ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މާދަމާ ރާއްޖޭގައި ހަތަރު މަޝްރޫއެއް އިފްތިތާހުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް މިރޭ ވިދާޅުވީ މާދަމާ ހަވީރު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ފާސްޓް އިންޓަސެޕްޓާ އުޅަނދު ހަދިޔާކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް 27 މީޓަރުގެ ދިގުމިން ހުންނަ ފާސްޓް އިންޓަސެޕްޓާ އުޅަނދެއް ހަދިޔާކުރަން ހަމަޖެހިފައިވާކަން މިދިޔަ އޮކްޓޫބަރު މަހު އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ތަރުޖަމާނު ހޫދު "ސަން"އަށް ވިދާޅުވީ އޭގެ އިތުރުންވެސް އިތުރު ކަންތައްތަކެއް އިފްތިތާހުކުރުން މާދަމާ އޮންނާނެ ކަމަށެވެ. އަދި މިކަންކަން ކުރިއަށް ގެންދަވާނީ ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ އެކުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާދަމާ ލޯންޗުކުރުމަށް ހަމަޖެހިފައިވާ އިތުރު މަޝްރޫއުތަކަކީ އިންޑިއާގެ އެހީގައި މާލެ ސިޓީގައި ލެޑް ލައިޓު ހަރުކުރި މަޝްރޫއާއި އިންޑިއާގެ އެހީގައި ރާއްޖޭގައި އަޅާ މަސް ޕްރޮސެސްކުރާ ތިން ޕްލާންޓު އިފްތިތާހުކުރުންވެސް އޮންނާނެއެވެ.

މާލެ ސިޓީގައި ލެޑް ލައިޓު ހަރުކުރުމުގެ މަޝްރޫއަކީ މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އިންޑިއާއާއި ރާއްޖެއާ ދެމެދު ވެވުނު، އެނާޖީ އެފިޝަންސީއާއި ރިނިއުބަލް އެނާޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގެ ދަށުން ހިނގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މި އަހަރުގެ މާޗު މަހުގެ ފަހުކޮޅު މާލޭގެ މަގުތަކުގައި ލެޑް ލައިޓު ހަރުކުރުމުގެ މަސައްކަތްވެސް ފެށިއެވެ.

މީގެ އިތުރުން އިންޑިއާގެ ޕޭމެންޓް ކާޑެއް ކަމުގައިވާ "ރުޕޭ ކާޑު" ރާއްޖޭގައި އިފްތިތާހުކުރުމެވެ. މި އަހަރުގެ ޖޫން މަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަމުން ބޮޑުވަޒީރު މޯދީ ވަނީ، "ރުޕޭ ކާޑު" ރާއްޖޭގައި ލޯންޗުކުރައްވާނެ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރުވާނެކަމަށްވެސް ވިދާޅުވެފައެވެ.