ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެ ބަންގްލަދޭޝްގެ ދެ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ބަންގްލަދޭޝްގެ ދެ ރައްޔިތެއް ކަމަށްވާ ސިރާޖާއި ޝާހު އާލަމް މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު ރޭ މެލެޝިއަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައި އިރު، ކަޅުކުލައިގެ އިންސިއުލެޝަން ޓޭޕް އަޅައި ބަންދުކޮށްފައި އޮތް ތިން ބުލެޓްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި އެތަކެތި ފުލުހުން ތަހުލީލު ކުރިއިރު އޭގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކެނަބިސް ބަޑްސް" ކަމަށެވެ.
އެތަކެތި ރާއްޖެ އެތެރެކުރީ އެ ދެ މީހުންކަން އެ ދެ މީހުންގެ އަމިއްލަ އިއުތިރާފުން އެނގެން އޮތްކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ދެ މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން އުމުރަށް ޖަލަށް ލުމަށެވެ.

"ދިވެހި ދައުލަތުން ބަންގުލަދޭޝްގެ ރައްޔިތުންކަމަށްވާ ސިރާޖް އާއި ޝާހު އާލަމްގެ މައްޗަށް ކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ރާއްޖެ އަށް އެތެރެކުރުމުގެ ކުށް، ސިރާޖްއާއި ޝާހު އާލަމް ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ގުޅިފައިވާ ގަރީނާތަކުން އެކަށީގެންވާ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ރާއްޖެ އަށް އެތެރެކުރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނު ނަންބަރު 77/17 މަސދްތުވާތަކެއްޗާއި ބެހޭ ގާނޫނޫގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ބަންގުލަދޭޝްގެ ރައްޔިތުންކަމަށްވާ ސިރާޖް އާއި ޝާހު އާލަމް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.