03 Dec 2019, 22:58
ރާއްޖޭގެ އަތޮޅުތަކުގެ 36 ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ 36 ސްކޫލަށް ދާއިމީ ޕްރިންސިޕަލުން ބޭނުންވާ ކަމަށެވެ. އެއީ ނުވަ އަތޮޅެއްގެ ސްކޫލުތަކެވެ.
އެގޮތުން އެ ލިސްޓުގައި ހއ. އަތޮޅުގެ ހަތަރު ސްކޫލާއި ހދ. އަތޮޅުގެ ދެ ސްކޫލާއި ށ. އަތޮޅުގެ ހަތަރު ސްކޫލުުގެ އިތުރުން ނ. އަތޮޅުގެ ފަސް ސްކޫލެއް ހިމެނެއެވެ. އޭގެއިތުރުން ރ. އަތޮޅާއި ބ. އަތޮޅުގެ ސްކޫލަކާއި އއ. އާއި އދ. ގެ ދެ ސްކޫލާއި ތ. އަތޮޅުގެ ހަތަރު ސްކޫލަށްވެސް ޕްރިންސިޕަލުން ބޭނުންވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މަގާމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 12ގެ ކުރީން މަގާމަށް ކުރިމަތިލުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އެ މަގާމަށް ޝައުގުުވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމާއި އެހެން ލިޔެކިޔުންތައް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
ޕްރިންސިޕަލުގެ މަގާމަށް އެންމެ ގާބިލު ބޭފުޅަކު ހޮވާއިރު ތިން ކަމަކަށް ބަލާނެއެވެ. އެއީ ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީން އަދި މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއެވެ. އޭގެއިތުރުން ގާބިލުކަން ބެލުމަށް ހާއްސަ އިންޓަވިއުއެއްވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.