މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުން މައުލޫމާތުދޭ އިރު ދޮގު މައުލޫމާތު ރައްޔިތުންނަށް ނުދިނުމަށް ރައީސް އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ރައްތަކަށް މިހާރު ކުރަމުންދާ މޫސުމީ ބަދަލުތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ހަފްތާގެ ރޭޑިއޯ އެޑްރެސްގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ސިޔާސީ ފުރުސަތުތައް ހޯދައި، އެކަންކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުންއަރާ ބާވަތުގެ މަޢުލޫމާތު ފެތުރުމަކީ، ރާއްޖޭގެ ތަރައްޤީ އަށް ވެސް އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ މުހިންމު މައްސަލައާ ގުޅޭ ގޮތުން އެޅޭ ނުރަނގަޅު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އެކު، ހުރިހާ ސިޔާސީ ފަރާތްތަކުގެ ކިބައިން އެދެން، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކުރުމުގައި ސައްހަ މަޢުލޫމާތު ހެޔޮގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ރަޢީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން ހަތަރު ދުވަހުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށްފައި ވަނީ، މީގެކުރީގައި ޢާންމު ގޮތެއްގައި ވިއްސާރަ ވެހިފައިވާ މިންވަރަށް ވުރެ ބޮޑަށް ކަމަށެވެ. އަދި ދުނިޔޭގެ މޫސުމަށް ބަދަލުތަކެއް އަންނަ ކަމަށް ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކުން ފާހަގަކުރަމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގައި ކާމިޔާބީ ހޯދަން އެންމެން އެއްބާރުލައި އެ ކައްޗެއް ކިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހައްތަހާ ވެސް އުންމީދަކީ، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ފަރާތުން ވެސް ދުނިޔެ އަށް ދިމާވެފައިމިވާ ބޮޑު މައްސަލައަށް ޙައްލެއް ހޯދުމުގައި، އަޅުގަނޑުމެން އެންމެން އެއްބާރުލައި އަޅުގަނޑުމެން އެންމެންނަށް އެކަމުގައި ބައިވެރިވެވޭނެ ގޮތްތަކެއް ހޯދުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިމަސައްކަތުގައި ވެސް، އަޅުގަނޑުމެން އެހެން މަސައްކަތްތަކުގައި މި ހޯދާ ކާމިޔާބުތަކެކޭ އެއްފަދަ އިން، ކާމިޔާބު އަޅުގަނޑުމެންނަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

މިރެއަކީ، ހިޖުރީ އައު އަހަރު ފެށޭ ރޭ ކަމަށް ވާތީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ހިޖުރީ އާ އަހަރާ ގުޅިފައިވާ ކަންތައްތަކަށް އަލިއަޅުވާ ލައްވައި ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރު ގުޅިފައި ވަނީ، މާތްރަސްކަލާނގެ މި އުންމަތަށް ކައުކުރެއްވި މުޙަންމަދު މާތް ނަބިއްޔާ މައްކާއިން ނުކުމެވަޑައިގެން، މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ކަމަށްވުމާ އެކު، މި ހާދިސާ ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން ކަމަށެވެ.

އަދި ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިމަތިވެރި ހިޖުރައިގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެންގެ މެދުގައި އޮންނަންވީ އެއްބައިވަންތަކަމުގެ ގުޅުން، އިތުރަށް ހަރުދަނާ ކުރައްވައި ވަރު ގަދަ ކުރުމަށް ރައީސް ވަނީ އެދިވަޑައިގަންފަ އެވެ.

"އެކިކަންކަމުގައި އަޅުގަނޑުމެންގެ އެންމެންގެ ޚިޔާލު އެއްގޮތް ނުވާނެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ. އެހެންނަމަވެސް، ޚިޔާލުތަފާތުވުމަކީ، އަޅުގަނޑުމެންގެ މެދުގައި އުފެދިފައިމިވާ އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރާ ކަމެއް ކަމަކަށް ވެގެނެއްނުވާނެ. މިކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަބަދުވެސް ހަނދުމަފުޅު ކުރައްވަންވާނެ،" ރައީސް ވިދާޅުވި އެވެ.