04 Dec 2019, 08:39
އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ މާވެލް އެވެންޖާސްގެ ލިސްޓުގައި ހިމެނޭ "ބްލެކް ވިޑޯ"ގެ ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.
ސްކާލެޓް ޖޯހެންސަން ލީޑް ރޯލުން ފެނިގެންދާ ބްލެކް ވިޑޯގެ ޓްރެއިލާއިން ފިލްމުގެ ވާހަކައަށް އަލިއަޅުވާލާފައި ވެއެވެ.
އެވެންޖާސްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "އެންޑްގޭމް"ގައި މަރުވާ ބްލެކް ވިޑޯގެ ފިލްމަކީ އޭނާގެ ހަޔާތުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ. އެ ފިލްމުގެ ޓައިމްލައިން އަކީ "ކެޕްޓަން އެމެރިކާ : ސިވިލް ވޯ" އާއި "އެވެންޖާސް : އިންފިނިޓީ ވޯ" އާ ދެމެދެވެ.
ޓްރެއިލާއިން ފެނިގެންދަނީ ބްލެކް ވިޑޯ ކަމަށްވާ ނަޓާޝާ ރޮމަނޯފް އާއި އިތުރުން އެހެން ބްލެކް ވިޑޯއެއްގެ ދެމެދުގައި ދިމާވާ ކަންތައްތަކެވެ. ޔެލީނާ ބެލޯވާ ނަމަކަށް ކިޔާ އެ ކެރެކްޓަރަކީ ކުރިއަށް އޮތް ބްލެކް ވިޑޯ ކަމަށް ފިލްމުން އިޝާރާތްކުރެއެވެ.
އެ ޓްރެއިލާއިން ފެނިގެންދަނީ ނަޓާޝާ ރޮމަނޯފް ބުޑަޕެސްޓުގައި އުޅުން ދުވަސްވަރުގެ ވާހަކައެވެ. އެއީ އެވެންޖާސްގެ ފިލްމުތަކުގައި ކްލިންޓް ބާޓަން، ހޯކް އައި، އެތައް ފަހަރެއްގެ މަތީން އިޝާރާތްކޮށްފައިވާ ތަނެކެވެ.
ބްލެކް ވިޑޯ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ.