ބަޣްދާދު (ނޮވެމްބަރ 25) : ޢިރާޤުން ފޭބުމަށް އެމެރިކާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޢިރާޤުން އެމެރިކާ ސިފައިންގެ އެންމެން ފައިބާނެ ކަމަށާއި މިއަހަރުގެ ޑިސެމްބަރ ނިމުމަށް ފަހު ޢިރާޤުގައި ތިބޭނީ އިރާޤުގެ ސިފައިން ތަމްރީންކުރުމުގައި ޙަރަކާތްތެރިވާނެ އެމެރިކާގެ 740 މުދައްރިބުން ކަމަށް ޢިރާޤުން ބުނެފި އެވެ.

ޢިރާޤުގެ އަމްނާބެހޭ އިސްމަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އިރާޤުގެ ސިފައިން ތަމްރީންކުރުމަށް ޓަކައި ޢިރާޤުގައި ބޭތިއްބުމަށް އެމެރިކާއާއި ޢިރާޤުން މިހާރު އެއްބަސްވެފައި ވަނީ ހަމައެކަނި އެމެރިކާގެ 740 މުދައްރިބުން ކަމުގަ އެވެ. މީގެތެރޭގައި ވެސް ހިމެނޭނީ މުސްކުޅި ކުރައްވާފައިވާ މަދަނީ މުދައްރިބުން ކަމަށާއި ނަމަވެސް ވަރަށް މަދު ޢަދަދެއްގެ އެމެރިކާގެ ޢަސްކަރީ އޮފްސަރުން މި 740 މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށް ޢިރާޤުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
މުދައްރިބުންގެ ތެރޭގައި އެމެރިކާ ސިފައިންގެ މަދު ޢަދަދެއްގެ އޮފްސަރުން ހިމެނުނު ނަމަވެސް އެމެރިކާގެ ހުރިހާ މުދައްރިބުންގެ މައްޗަށް ވެސް އިރާޤުގެ ޤާނޫނު ހިނގާނެ ކަމަށާއި އެމެރިކާގެ އެއްވެސް މީހަކު ޢިރާޤުގެ ޤާނޫނުން އިސްތިސްނާ ނުވާނެކަން ވެސް ނަން ހާމަކުރަން ނޭދޭ ޢިރާޤުގެ މަސްއޫލުވެރިޔާ ކަށަވަރުކޮށްދެއްވި އެވެ.

ޢިރާޤުގެ ޤާނޫނު ނުހިނގާގޮތަށް ޢަސްކަރީ މުދައްރިބުންގެ ގޮތުގައި އެތަށް ހާސްބަޔަކު ޢިރާޤުގައި ބޭތިއްބުމަށް ޢިރާޤު ސަރުކާރާ ގުޅައިގެން އެމެރިކާކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ. ޢިރާޤުންވަނީ ިއަހަރުގެ ޑިސެމްބަރު މަސް ނިމުމަށް ފަހު އެޤައުމުގައި އެމެރިކާގެ އެއްވެސް ޢަސްކަރީ މަރުކަޒެއް އަދި ޢަސްކަރީ ބޭހެއްވެސް ނުބެހެއްޓުމަށް ނިންމާފަ އެވެ. (އަލްޖަޒީރާ)