03 Dec 2019, 14:34
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އަޑުގަދަކުރުމުގެ ސަބަބުން އިދިކޮޅު ހަތް މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ނެރެފި އެވެ.
ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ތޯރިގް، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ތ. ގުރައިދޫ ދާއިރާ މުހައްމަދު ގައްސާން މައުމޫން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ގޮވާލައި މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން ގެންދަވަނީ އިއްޔެއިން ފެށިގެން އިހުތިޖާޖު ކުރަމުން އެވެ.
މަޖިލީހުގެ ވޯޓު ގަޑީގައި އިދިކޮޅު މެމްބަރުން ވަނީ ޕޯސްޓަރުތަކާއެކު މަޖިލީހުގެ އިދާރީ މޭޒު ކުރިމަތީގައި ކޮޅަށް ތިބެ އިހުތިޖާޖުކޮށްފަ އެވެ. ހަތް މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ ހުރިހާ މެމްބަރުންނަށް ވެސް ނަސޭހަތް ދިނުމަށްފަހު، ނަސޭހަތް ގަބޫލުނުކުރުމުންނެވެ.
އެންމެ ފުރަތަމަ އިއްވާފައި ވަނީ މެމްބަރު ޝިޔާމްގެ ނަމެވެ. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ނަން އިއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "އިޝްގަކީ ފާޑެއްގެ ކަމެއް ކަން،" އެނގިވަޑައިގަންނަވާ ކަމަށެވެ.
މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ޗެމްބަރަށް ވަންނަ، ދެ ދޮރުގެ ތަޅުގައި "ބާރަށް" ހިފަހައްޓައިގެން ތިބުމަށް، މަޖިލީހުގެ ސެކިއުރިޓީއަށް އަންގަވައިފަ އެވެ.
"ސާޖަންޓް އެޓް އާމްސް ކޮށްދެއްވަނީ ކަމަކީ ތިބޭފުޅާ ތި ދޮރުކައިރީގައި އެތެރެއިން ތަޅުގައި ހިއްޕަވައިގެން ހުންނަވަންވީ. އެކޮޅުން އެހެން ބޭފުޅަކުވެސް ތަޅުގައި ހިއްޕަވައިގެން ހުންނެވުން،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހާފައި ވަނީ އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމަށްފަހު އެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އިއްޔެ ވެސް މެމްބަރުން ވަނީ އިހްތިޖާޖުކޮށްފަ އެވެ. ރައީސް ޔާމީން އަށް ހުކުމް ކުރި ދުވަހު ވެސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ވަނީ މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.