އެއާޕޯޓުގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް ގާއިމްކުރި ޕޮލިސް ޕޯސްޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ޕޮލިސް ޕޯސްޓު ގާއިމްކޮށްފައިވަނީ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިންނެވެ. އެއާޕޯޓުގައި ގާއިމްކުރި ޕޮލިސް ޕޯސްޓު ފުލުހުންނާ ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފެވެ.

މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ޑީސީޕީ މަންނާނު ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށް އެއާޕޯޓު ވާއިރު، އެއާޕޯޓުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވިގެން ދިއުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމަކާއި ފަސޭހައެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ އެމްއޭސީއެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނާއި އާންމުން އެއްގަމު އުޅަނދު ޕާކުކުރުމަށް ހާއްސަސަކޮށްފައިވާ ޕާކިންޒޯނުގައި އެއްގަމު އުޅަނދަށް ރައްކާތެރިވުމާ ގުޅޭ މެސެޖުތައް ލިޔެފައިވާ ބިލްބޯޑު އިފްތިތާހު ކޮށްފައިވެ އެވެ.