25 Nov 2011, 13:34
އަންހެނުންގެ ބައިވެރިވުމާއި އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ފަރަގުތަކާއި ތަފާތުތައް ނައްތާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ނައްތާލުމަށް މިއަދުން ފެށިގެން 16 ދުވަސް ވަންދެން ކުރިއަށްގެންދާ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގެ ތަރައްޤީގައި ވެސް އަންހެނުންގެ ބައިވެރިވުމާއި އެކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ، މިފަދަ ފަރަޤުތަކާއި ތަފާތުތައް ނައްތާލެވިގެން ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދޭ ހަމަހަމަކަން، އަންހެނުންނާއި އަދި ފިރިހެނުންގެ ތެރޭގައި ވެސް ޤާއިމް ކުރެވޭނީ މިފަދަ ފަރަޤުތައް ނައްތާލެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޤައުމެއްގެ ތަރައްޤީގެ އެންމެ މުހިންމު ވަސީލަތަކީ، އެޤައުމެއްގެ މީހުން. އަދި ކޮންމެ ޤައުމެއްގެވެސް ދެބައިކުޅައެއްބައިހާ މީހުންނަކީ އަންހެނުން ކަމަށްވާ އިރު، އެ ކަނބަލުން ބާރުވެރިވެލައްވައި، ޤައުމުގެ ކުރިއެރުމުގައި ހުރިހާ ގޮތަކުން ފުރިހަމައަށް ބައިވެރިވެލެއްވުމަކީ، ކޮންމެ ޤައުމެއްގައި ވެސް ކުރިއެރުން ހަލުވިވެ، ފާގަތިވެގެންދާނެ ކަމެއްކަން ކަށަވަރު،" ރައީސް ވިދާޅުވި އެވެ.
އަންހެނުންނަށް ކުރާ ހާނިއްކަ އާއި، އަނިޔާ އާއި އިންސާނީ ހައްޤުތަކާ މެދު ހޭލުންތެރި ކުރުވުމަށް، ބައިނަލްއަޤްވާމީ ގޮތުން ޙަރަކާތްތައް ހިންގޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށާއި ޤައުމީ ފެންވަރުގައި ދިރާސާއެއްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހި އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެނުންކުރެ އެކަކީ، އޭނާގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން ހާނިއްކައާއި އަނިޔާ ތަޙައްމުލް ކޮށްފައިވާ އަންހެނެއް ކަމަށެވެ.
އަންހެނުން، އެމީހުންނަށް ކުރިމަތިވާ ހުރަސްތައް ގިރާކޮށް، އެކިބާވަތުގެ ހާނިއްކައާއި އަނިޔާ އިން ސަލާމަތްވުމުގެ ހިތްވަރު ލިބިގަންނަނީ، އެހެން މީހުންގެ އަޅާލުމުން ކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ޒަމާންވީ އިޖްތިމާޢީ މި ބޮޑު މައްސަލައަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި،"ތިނަކުން އެކެއް"ގެ ޝިޢާރުގެ ދަށުން ޖިންސީ ހަމަހަމަކަމުގެ ދާއިރާތަކާ މެދު ވަކާލާތުކުރާނެ ބަޔަކު ނުވަތަ ޖެންޑާ އެޑްވޮކަސީ ވަކިން ގްރޫޕެއް، ތަފާތު މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު އަމިއްލަ ފަރުދުންނާއި ޖަމާޢަތްތައް އިސްނަންގަވައިގެން، މިކަމުގައި އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ޙަރަކާތްތައް އަޅުގަނޑު ފާހަގަކޮށް، އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި އެ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، ކާމިޔާބީ އެކުލެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން،" ރައީސް ވިދާޅުވި އެވެ.
މިއަދު ދެއްވި ރޭޑިއޯ އެޑްރެސްގައި ރައީސް ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ވީ އެންމެ އަވަހަކަށް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންފަ އެވެ.
ރައީސް ވިދާޅުވީ މުޖުތަމަޢުގައި އަންހެނުންގެ ދަރަޖަ، ސާކުގެ އެހެން ޤައުމުތަކާ އަޅާބަލާ އިރު މަތިކަމުގައި ދެކެވޭ ނަމަވެސް، ދިވެހިރާއްޖޭގެ މުހިންމު ދާއިރާތަކުގައި އަންހެނުން އިސްވެ ހަރަކާތްތެރިވާ މިންވަރު، ސާކުގެ އެހެން ޤައުމުތަކާ އަޅާބަލާ އިރު، ނިސްބަތުން ވަރަށްދަށް ކަމަށެވެ.
އަދި ރާއްޖޭގައި ވަޒީފާނެތް އަންހެނުންގެ ޕަސެންޓް 24ގައި އުޅޭ އިރު ސްރީލަންކާގައި މިޢަދަދު ހުރީ އަށް ޕަސެންޓްގައި ކަން ފާހަގަ ކުރެއްވި އެވެ. އަދި ސާކުގެ ހުރިހާ ޤައުމުތަކާ އަޅާބަލާ އިރު ވެސް، މިކަމުގައި އެންމެ ދަށުގައި މިއަދު މިއޮތީ ދިވެހިރާއްޖެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ސިޔާސީ މައިދާނަށް ބަލާ އިރު، އަފްޣާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ޙިއްޞާ 28 އިންސައްތައިގައި އޮތްއިރު، މި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ޙިއްޞާ އޮތީ 7 އިންސައްތައިގައި،" ރައީސް ވިދާޅުވި އެވެ.