އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ ހުކުމްތަކާ ދެކޮޅަށް ކުރިމަތި ކުރަމުންދާ ކަންތައްތަކަކީ ރާއްޖޭގައި އިސްލާމް ދީން ފަނޑުކޮށްލައި، ޣައިރު ދީންތަކަށް ފުރުސަތު ހުޅުވުމަށް މި ސަރުކާރުން ވަރަށް ބޮޑު ރޭވުންތަކެއް ރާވައިގެން ހިންގަމުން ގެންދާ ކަންތައްތަކެއް ކަމަށް އަދާލަތު ޕާޓީން ތުހުމަތު ކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް ދީނަށް އެކި ސިފަސިފައިގައި ކުރިމަތި ކުރަމުން މިދާ ގޮންޖެހުންތަކަކީ ސަރުކާރާ ގުޅުމެއްނެތި ވަކިވަކިން ހިގަމުންދާ ކަންތަކެއްކަމުގައި ދެކެގެން މިއަދު ވާން ނެތް ކަމަށެވެ. އަދި މިކަންތައްތަކަކީ ރާއްޖޭގައި އިސްލާމް ދީން ފަނޑުކޮށްލައި، ޣައިރު ދީންތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވުމަށް މި ސަރުކާރުން ވަރަށް ބޮޑު ރޭވުންތަކެއް ރާވައިގެން ހިންގަމުން ގެންދާ ކަންތަކެއް ކަމަށެވެ.

"އައްޑޫ ސިޓީގައި ހަރުކޮށްފައި ހުރި ބުދުތައް އަދިވެސް އެހެރީ އެވެ. “މޮނިއުމެންޓް”ތަކެއްގެ ނަމުގައި މިބުދުތައް ބެހެއްޓުމަކީ، ބުދު ބެހެއްޓުމާއި ބުދު ފައްޅި އެޅުމާބެހޭ “ޢާންމު ބަޙުސް” ރާއްޖޭގައި ހުޅުވާލައި ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ރާވައިގެން ހިންގާފައިވާ ޕްރޮޖެކްޓެކެވެ. މިއަދު މިވަނީ ބުދާއި ބުދު ފައްޅިއާ ބެހޭ ޢާންމު ބަޙުސް ރާއްޖޭގައި ފެށިފަ އެވެ. ބުދުތައް ބެހެއްޓުމަކީ މާބޮޑު މަސްއަލައެއް ނޫންކަމުގައި ވަކާލާތުކުރާ ބަޔަކު މިއަދު ރާއްޖޭގައި އެބަ ތިއްބެވެ...."

އަދާލަތު ޕާޓީން ބުނީ އިސްލާމްދީނާއި ގައުމުގެ އެންމެ މަތީ މަސްލަޙަތަށް ވުރެ ޕާޓީ ރޫހު ކުރިޔަށްނެރެ ތިމާމެން ނިސްބަތްވާ ޕާޓީގެ ސަރުކާރުން ކިތަންމެ ނުބައިކަމެއް ހިންގިޔަސް އެއީ ގޯހެއްކަމުގައި ނުދެކޭ ބަޔަކު މިއަދު ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އަދި ކީރިތި ޤުރުއާނުގެ ނައްސުން ސާބިތުވާ އިސްލާމީ ޝަރީޢަތުގެ ޙައްދެއް ގާއިމު ކުރުން ނުވަތަ ނުކުރުމާ މެދު “ޢާންމު ބަހުސް”އަކަށް ހުޅުވާލުމަށް ގޮވާލި ގޮވާލުމަށް ޕާޓީ ރޫހުގައި ތާއީދު ކުރާ ބަޔަކު ވެސް ތިބެދާނެ ކަމަށެވެ.

އިސްލާމްދީނުގެ ހުކުމްތައް ބަޔާންކޮށްފައިވާ އެ ނޫސްބަޔާނުގައި އަދާލަތުން ބުނީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެން އައިސްފައިވާ ހުކުމްތަކަކީ ބަޔަކު ކިތަންމެ ބޭނުންވިޔަސް،“ޢާންމު ބަޙުސް”ތަކަށް ހުޅުވާލައި، ޑިމޮކްރަސީ އާއި އަޣުލަބިއްޔަތުގެ އުސޫލުން ބަދަލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ދީނުގެ އެއްވެސް ޙުކުމެއް ބަދަލު ކުރެވިދާނެ ކަމަށް ގަބޫލު ކުރުމަކީ ވެސް އިސްލާމް ދީނުން ބޭރުވުން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ ހައިކޮމިޝަނަރު އިސްލާމް ދީނާއި އަދި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފް ވާހަކަތަކެއް ދެއްކީ ސަރުކާރުގެ އިސްފަރާތްތަކާ އެކު މަޝްވަރާކޮށްފައި އެބޭފުޅުންގެ މަޝްވަރާގެ މަތީން ކަމަށް އޭނާ އިޝާރަތް ކޮށްފައި ވުމުން ވެސް ދައްކައި ދެނީ މިކަމަކީ ތިމާމެން ދައްކަން ބޭނުންވާ ވާހަކަތަކެއް ފާޅުގައި ދައްކަން ޖެހިލުން ވާތީ ބޭރު މީހުން ގެނެސްގެން އެވާހަކަ ތައް ދައްކަނީ ކަމުގައެވެ...."

ރައީސް ނަޝީދާއި އަދި ސަރުކާރުގެ އިސްވެރިންގެ ލާދީނީ އެޖެންޑާއެއް މީގެ ފަހަތުގައި ނުވާކަން ޢާންމުންނަށް ދެއްކެވުމުގެ ގޮތުންވެސް، މިވާހަކަތައް ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވުމަށް ރައީސް ނަޝީދަށް އަދާލަތުގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު އިސްލާމީ ގައުމެއް ކަމަށާއި އިސްލާމް ދީނަށް ގޮންޖަހާ އަދި ރާއްޖޭގެ ގާނޫނާ ޚިލާފް ވާހަކަތަކެއް އދ.ގެ މީހަކަސް މިގައުމުގައި ނުދެއްކޭނެ ކަމުގައި އެފަރާތަށް ހަދާންކޮށް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ ޕާޓީން ބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅު މިފަދަ ވާހަކަތަކެއް ދެއްކި އިރު އެފަރާތަށް އެފަދަ ވާހަކަތަކެއް ނުދެއްކުމަށް އަންގާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ ފަރާތުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުން ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، މިވާހަކަ ތަކަށް އިހުތިޖާޖު ކުރައްވަން ޖެހޭނެ ކަމަށާއި މިފަދަ ކަން ކަމަކީ އެއްވެސް ޙާލެއްގައި ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާމް ދީނުގެ ހިމާޔަތުގައި އެންމެން ގުޅިގެން ނިކުންނަން ޖެހޭ ދުވަސް މިއަދު މިވަނީ އައިސް ޖެހިފައި ކަމަށް ވެސް އަދާލަތުން ބުންޏެވެ.

"ޒިނޭ ކުރާ އަންހެނުންގެ ގައިގައި ޙައްދު ޖެހުމަކީ އެ އަންހެނުންގެ ޝަރަފަށް ލިބޭ އުނިކަމެއް ކަމަށާއި އެއީ ޑިމޮކްރަސީއެއްގައި އޮވެގެންވާނެ ކަމެއް ނޫންކަމަށާއި މި ކަމާ މެދު “ޢާންމު ބަޙުސެއް” ރާއްޖޭގައި ބޭއްވުމަށް އޭނާ ގޮވާލާފައިވެ އެވެ. އަދި ހަމަ މިފަދައިން އަންހެނުންނާ މެދު ކުރެވޭ ތަފާތުތައް ނައްތާލުމާއި ބެހޭ ބައިނަލްއަގްވާމީ މުއާޙަދާގައި ހިމެނޭ ކައިވެނީގެ ހަމަހަމަކަން ލިބިދޭ މާއްދާއަށް ރާއްޖެ އިން އެއްބަސްވެފައި ނުވާތީ އެމާއްދާއަށް ތަބާ ވުމަކީވެސް ރާއްޖެ “ބަދަލަކަށް ކުރާ މަސައްކަތުގައި” މުހިންމު ކަމެއް ކަމުގައި ވަކާލާތު ކޮށްފައިވެ އެވެ. ކައިވެނި ކުރުމުގައި ދީނަށް ނުބެލުމަށް ގޮވާލާ މިމާއްދާ ޔަކީވެސް ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާއި ފުށުއަރާ އެއްޗެކެވެ...."