24 Nov 2011, 22:21
ހިއްލަތު ރަޝީދުގެ ބްލޮގް ބަންދުކުރުމާއި އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ފަހު ހިނގި ކަންތައް]މޮނިއުމެންޓަށް ގެއްލުން ދިނުން[ތަކަކީ ދީނީ ގޮތުން ހަރުކަށިވުން އޮތްކަން ދައްކައިދިން ދެ ހާދިސާ ކަމަށް އދ. އިން ބުނެފި އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވީ ޕިއްލޭ މިއަދު ރާއްޖޭގައި ހުންނަ އދ.ގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އޭނާ ރާއްޖެ އިން ބައްދަލުކުރެއްވި ބައެއް މީހުން، އެންމެ ކަންބޮޑުވާ އެއް ކަމަކީ ރާއްޖޭގައި އެހެންދީންތަކުގެ މީހުންނާ މެދު ތަފާތުކުރުން ކަމަށެވެ. އަދި އެ ތަފާތުކުރުން އަންހެނުންނަށް ރައްދުވާލެއް ބޮޑު ކަމަށާއި ރާއްޖެ ފަދަ ދުނިޔެ އަށް ހުޅުވިފައިވާ ގައުމެއްގައި އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދީނީ ގޮތުން ހަރުކަށިވުން ދައްކައިދިން ހާދިސާއެއް ދާދިފަހުން ބޭއްވި ސާކް ސަމިޓުގެ ދުވަސްވަރު ފެނިގެން ހިނގައްޖެ. އަދި އިސްމާއީލް ހިއްލަތު ރަޝީދު ހިންގި ހިޔާލުފަޅުކުރާ ބްލޮގެއް އިސްލާމިކް މިނިސްޓްރީން ބަންދުކުރުން ވެސް އަޅުގަނޑު ފަހަގަކޮށްލަން" ޕިލޭ ވިދާޅުވި އެވެ.
ޕިލޭ ވިދާޅުވީ ނަސްލީ އަދި ދީނީ އަދި އެނޫން ވެސް ތަފާތުތަކަށް ކެތްތެރި ނުވުމަކީ ޑިމޮކްރަސީގެ ދުޝްމަނެއް ކަމަށެވެ. އެކަމުގެ ސަބަބުން އުފައްދައި ދެނީ ބިރުވެރިކަމާއި ހަމަހަމަ ނޫންކަން ކަމަށާއި އެއީ މާރާމާރީއަށް މަގުފަހިކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ޕިލޭ ވިދާޅުވީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަ އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.