03 Dec 2019, 10:59
ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސްއަށް ރުހުން ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި އެވެ.
ބްރޮޑްކޮމްގެ ހަތަރު ގޮނޑިއެއް ހުސްވެފައިވާ އިރު، މިއަދު ވޯޓްގެ ގަޑީގައި އޭގެ ތެރެއިން ތިން ގޮނޑިއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދޭން ވޯޓް ނެގުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިއަދު އެންމެ ފުރަތަމަ ވޯޓަށް އަހާނީ، ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާ ދެއްވާފައި ވާތީ އެ ދެ ގޮނޑިއަށް ހަމަޖައްސަން ރައީސް ފޮނުއްވި ނަންފުޅުތަކުން ދެ ނަމަކަށް ރުހުން ދިނުމެވެ. އެގޮތުން، ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން، މިނވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ތަޅުމަށް ފޮނުވިއިރު، އެންމެ މަތީގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. ރައީސްވެސް އެންމެ އިސްކަން ދެއްވާފައި އޮތީ ޝިފްލާ އަށެވެ. އަދި ދެވަނައަށް އޮތީ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ގައިސްގެ ނަމެވެ. އަދި ތިން ވަނައަށް އޮތީ، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ ނަމެވެ.
"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބައްދަލުވެ ނިންމާފައި ވަނީ، ޝިފްލާާއަށް ރުހުން ނުދޭންށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ދެވަނައަށް އޮތް ގައިސް އަދި ތިން ވަނައަށް އޮތް އަލީ ޔޫސުފަށް ރުހުން ދޭންށެވެ.
ދެވަނައަށް ވޯޓަށް އަހާނީ، ބްރޮޑްކޮމްގެ ރައީސްއަކަށް ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވާފައި ވާތީ، ބްރޯޑްކޮމްއަށް ހަމަޖައްސަން ރައީސް މަޖިލީހަށް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން ކޮމިޓީއިން ފާސްކޮށް ތަޅުމަށް ފޮނުވައިފަވާ ތިން ނަމުގެ ތެރެއިން ނަމަކަށް ރުހުން ދިނުމެވެ. ކޮމިޓީއިން ފޮނުވި ރިޕޯޓްގައި އެންމެ ކުރީގައި އޮތީ ތަޖުރިބާކާރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)ގެ ނަމެވެ. އެ ނަމަށް ރުހުން ދޭން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނިންމި އެވެ.
ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، ފާތިމަތު ޒައިނާގެ ބަދަލުގައި ހަމަޖައްސަން ރައީސް ތިންނަމެއް މަޖިލީހަށް ފޮނުއްވި ނަމަވެސް ކޮމިޓީއިން ވަނީ އޭގެއިން އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވައި، އާ ނަންތަކެއް ފޮނުވުމަށް ރައީސް ލަފާދިނުމަށް ނިންމައިފަ އެވެ. އެކަން ވެސް ތަޅުމުން މިއަދު ފާސްކުރާނެ އެވެ.