03 Dec 2019, 09:52
ނޭޕާލް، ކަތަމަންޑޫ:ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރުކޮށްފި އެވެ.
މި އިވެންޓުން އެންމެ ފަހުގެ ގޭމްސްގައި ރިހި މެޑަލް ހޯދި ސާއިދު މި ފަހަރު ފައިނަލަށް ދަތުރުކުރީ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. ޓައިމިން އަކީ 10.66 ސިކުންތުވެ. ހީޓުގެ އެއް ވަނަ އަކީ 10.51 ސިކުންތުން ދުވި ސްރީ ލަންކާގެ ހިމާޝާ އީޝަން އެވެ. އަދި ދެ ވަނަ އަކީ 10.60 ސިކުންތުން ދުވި އިންޑިއާގެ ގުރިންދެރްވިރް ސިންހެވެ.
ސާއިދު 2016 ވަނަ އަހަރު އިންޑިއާގައި އޮތް ގޭމްސްގެ 100 މީޓަރު ދުވުމުން ރިހި މެޑަލް ހޯދީ 10.41 ސިކުންތުން ދުވެގެންނެވެ. އެ ފަހަރު ރަން މެޑަލް ހޯދީ 10.28 ސިކުންތުން ދުވެ، މިއަދުގެ ހީޓުގެ އެއް ވަނަ ހޯދި ލަންކާގެ ހިމާޝާ އެވެ. އަދި ލޯ މެޑަލް ހޯދީ 10.69 ސިކުންތުން ދުވި ލަންކާގެ މުހައްމަދު އަޝްރަފުލް އެވެ.
މި އިވެންޓުގައި ސާއިދުގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10.51 ސިކުންތުން ދުވެގެން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖޭގެ އެތުލެޓިކްސް އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.
ސާއިދު ދުވުމަށް ހަމަޖެހިފައިވާ 100 މީޓަރު ދުވުމުގެ ފައިނަލް އޮތީ ރާއްޖެގަޑިން 10:20 ގައެވެ.