ރާއްޖެ އަށް އިއްޔެ އާއި ރޭ ކުރި ގަދަ ވިއްސާރައިގައި މ. އަތޮޅު ވޭވަށުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، ވިންޑްސާފް ބޯޑެއްގައި މުދިމު މިސްކިތަށް ބަންގި ގޮވަން ހިނގައްޖެ އެވެ.

ވޭވަށުން ސަން އަށް މައުލޫމާތުދިން އެ ރަށު ޕެންޒީމާގޭ އަލީ ނައީމު ވިދާޅުވީ، ރަށުގެ މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައި ހުންނަ ކުރީގެ ހުކުރު މިސްކިތަށް މުދިމު އަލީ ޝާފިއު ރޭ ފަތިސްނަމާދަށާއި މިއަދު މެންދުރު ނަމާދަށާއި އަސުރު ނަމާދަށް ދިޔައީ، މިސްކިތް ހުންނަ މަގުގައި ދެ ފޫޓަށް ފެން ބޮޑުވެ، ސައިކަލް ދުއްވޭވަރު ނުވެ، އަދި ހިނގާފައި އުޅޭވަރު ނުވާތީ، ސާފްބޯޑެއްގައި ކަނބައިފައި ކަމަށެވެ.

އަލީ ވިދާޅުވީ ރަށުގައި ފެން ބޮޑުވެފައިވާތީ މުދިމު ކުރިއްސުރެ ވަނީ ވަރަށް ރަނގަޅަށް އެކަމަށް ދުރާލާ ތައްޔާރުވެފައި ކަމަށެވެ.

"އަޅުގަނޑު ފެންހިއްކުމުގެ މަސައްކަތުގައި އުޅެފައި ދިޔަ އިރު އިއްޔެ އިރުއޮށްސުނު ވަގުތު ދެ މީހަކު ވިންޑްސާފްބޯޑެއްގައި ކަނބާފައި އައިސް ގޯއްޗެއްގެތެރެ އަށް ނަގިލިލާ ހަމެޖެހެލި. އެ މަންޒަރުބަލަން ހުރެފައި ކުޑަކޮށް ހިނި ވެސްއައި. އެއީ ރަށުތެރޭގައި ވިންޑްސާފް ބޯޑުދުއްވާފައި އައިސް ނަގިލިލީތަން ފެނުނީމާ. ކީއްކުރަންތޯ އަހާލީމާ ވަރަށް ހަމަޖެހިލާފައި އެތަނުން އެކަކު ޖަވާބުދިނީ، ފަތިސްނަމާދަށް ދާން ތައްޔާރުކޮށްލީ ކަމަށް. މިޖަވާބުދިނީ ރަށުގެ ހުކުރު މިސްކިތު މުދިމު ޢަލީޝާފިޢު،" އަލީ ވިދާޅުވި އެވެ.

ވޭވަށު ކައުންސިލްގެ ރައީސް ހަސަން ވަދީހު ވެސް ވަނީ ރަށުގައި ފެންބޮޑުވުމުގެ ސަބަބުން މުދިމު ބަންގި ގޮވަން ވިންޑްސާފެއްގައި ދިޔަކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.