ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހު އެކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި އޭސީސީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭޖީގެ ވަކީލު މަރިޔަމް ސުނާނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހު އެކަން މަޑުޖައްސާލުމަށް އޭސީސީން އިމިގުރޭޝަނަށް އަންގާފައިވާ ކަމަށެވެ. އެގޮތަށް އަންގާފައި ވަނީ އޭސީސީން ފުރިހަމަ ކުރަން ޖެހޭ ތަހުގީގު ފުރިހަމަ ނޮކޮށް ކަމަށާއި އަދިވެސް އެ މައްސަލައިގެ ތަހުގީގު ނުނިމޭކަން އޭސީސީގެ ސިޓީއަކުން އެނގެން އޮތް އިރު ތުހުމަތެއްގެ މައްޗަށް ބިނާކޮށް އެ މަސައްކަތް ހުއްޓާލުމަށް އޭސީސީ އަކަށް ނޭންގޭނެ ކަމަށް ވެސް ސުނާނާ ވިދާޅުވި އެވެ.

އޭސީސީން ސިވިލް ކޯޓުގައި އެދިފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދާ ނަމަ ގެންދަން ވާނީ ނޭޝަނަލް ޕްލޭނިން ކައުންސިލް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުގެ ނިންމުމާ އެއްގޮތަށް "އާރުއެފްޕީ" ތައްޔާރުކޮށްގެން އަލުން ބިޑުކޮށްގެން ކަމަށް އިމިގުރޭޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އޭސީސީގެ ވަކީލު އަލީ އާޒިމް ވިދާޅުވީ ބޭރުކުންފުންޏަކުން ރާއްޖޭގައި މަސައްކަތްކުރާ ނަމަ، ރާއްޖޭގައި މަސައްކަތް ކުރާ ބޭރު ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ބުނާ ކަމަށެވެ. އަދި ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސް ބޮޒަކީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްހުލް ވުމަށް އެދިފައިވާ ނެކްސް ބިޒްގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލާފައިވުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށެވެ.

އޭޖީގެ ވަކީލު ސުނާނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ ދައުވާ ލިބޭ ފަރާތަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ނެރެފައިވާ އަމުރެއް ކަމަށެވެ. އޭޖީގެ ވަކީލު ސުނާނާގެ އެ ވާހަކަތަކަށް ސިވިލް ކޯޓުގެ ގާޒީ ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އޭޖީގެ ވަކީލު ސުނާނާ ވިދާޅުވީ މ. ޗަންޕާ ހެވަން މުހައްމަދު މޫސާގެ މައްޗަށް ކުރި ދައުވާގެ ހުކުމްގައި އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން މުހައްމަދު މޫސާ ޖޫރިމަނާކޮށްފައި ވަނީ ގާނޫނާ ޚިލާފަށް އޭނާ ކުރީ ކޮންކަމެއްތޯ އެންގުމަކާއި ނުލައި ކަމަށެވެ. އަދި ވިދާޅުވީ އެހެންކަމުން އިމިގުރޭޝަނުން ގާނޫނާ ޚިލާފަށް ކުރީ ކޮން ކުށެއްކަން ނާންގައި އެ މަސައްކަތް ހުއްޓާލުމަށް އޭސީސީއަކަށް ނޭންގޭނެ ކަމަށެވެ.

އޭސީސީގެ ވަކީލު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވަނީ ޖެނުއަރީ،2011،26 ގައި ކަމަށާއި މުހައްމަދު މޫސާގެ ދައުވާގެ ހުކުމް ކޮށްފައި ވަނީ އޭގެ ފަހުން ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އާދީއްތަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ. އަދި އެދުވަހު އޭސީސީ އަށާއި ނެކްސްބިޒަށް އިޖުރާއީ ނުކުތާތަކަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.