24 Nov 2011, 18:08
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ" އިން އިއްޔެ އިއުލާން ކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން"ގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްްޖެ އެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 166 ވަނައިގަ އެވެ.
މިމަހު ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެެއްޓުނު އިރު މިދިޔަ މަހުގެ ރޭންކިންގައި ރާއްޖެ އޮތީ 162 ވަނައިގަ އެވެ. މިފަހަރު އިއުލާން ކުރި ރޭންކިން އަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެ ހަތަރު ވަނައިގައި އޮތް އިރު، މިދިޔަ މަހާއި، އޮގަސްޓު މަހު އިއުލާންކުރި ރޭކިންގް ލިސްޓުގައި ވެސް ރާއްޖެ އޮތީ ހަމަ ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ. މިއަހަރުގެ މޭ މަހު ރާއްޖެ އަށް ދުނިޔޭގެ 148 ވަނަ ލިބުނުއިރު، މުޅި މިއަހަރު ވެސް އެންމެ ބޮޑު ނާކާމިޔާބީއަކަށް ވެގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި ލިސްޓުން ނެވެ.
ފީފާ ރޭންކިންގައި އެއް ދަރަޖައިގެ ވެއްޓުމެއް ލިބުނު ނަމަވެސް މިމަހުގެ ރޭންކިންގެ ދެކުނު އޭޝިޔާ ސަރަހައްދުގެ އެއްވަނާގައި އޮތީ ބަންގްލަދޭޝް އެވެ. ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 142 ވަނައިގަ އެވެ. ސަރަހައްދުގެ ދެވަނާގައި އޮތީ މަގާމަށް ބަދަލެއް އައިސްފައި ނުވާ ނޭޕާލް އެވެ. ނޭޕާލް އޮތީ ރޭންކިންގެ 143 ވަނާގައެވެ. ދެ ދަރަޖައިގެ ވެއްޓުމެއް ލިބުނަސް ސަރަހައްދުގެ ތިންވަނާގައި މިމަހުވެސް އޮތީ އިންޑިއާ އެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 162 ވަނައިގަ އެވެ.
އަވައްޓެރި ޕާކިސްތާނަށް ތިން ދަރަޖައިގެ ގެއްލުމެއް ލިބިފައިވީ ނަމަވެސް މިފަހަރުވެސް ސަރަހައްދުގެ ފަސް ވަނައިގައި އޮތީ ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާނު އޮތީ 174 ވަނައިގަ އެވެ. އަދި ސަރަހައްދުގެ ހަ ވަނާގައި އޮތް އަވަށްޓެރި ސްރީލަންކާ އަށް އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ލިބުނީ ދުނިޔޭގެ 176 ވަނަ އެވެ. ހަ ދަރަޖައިގެ ކުރި އެރުމަކާ އެކު ސަރަހައްދުގެ ހަތް ވަނަ މަގާމުގައި އަފްޣާނިސްތާން އޮތްއިރު، ދުނިޔޭގެ ރޭންކިން ލިސްޓުގައި އެޤައުމު އޮތީ 178 ވަނައިގަ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި ބޫޓާން އޮތްއިރު، އެޤައުމުން މިފަހަރު ވެސް ވަނީ އެއް ދަރަޖާގެ ކުރިއެރުމެއް ހޯދައިފަ އެވެ. ދުނިޔޭގެ ރޭންކިން ލިސްޓުގައި ބޫޓާން އޮތީ 198 ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިން ލިސްޓުގެ އެންމެ ކުރި މިފަހަރު ވެސް ހޯދި ޤައުމަކީ ސްޕެއިން އެވެ. ރޭންކިންގެ ދެވަނަ މަގާމު ހޮލެންޑަށް ލިބޭއިރު، ތިން ވަނައިގައި އޮތީ ޖަރުމަނެވެ. ހަތަރު ވަނާގައި އުރުގުއޭ އޮތްއިރު، ދެ ދެރަޖައިގެ ކުރިއެރުމަކާ އެކު އިނގިރޭސިވިލާތް އޮތީ ރޭންކިންގެ ފަސްވަނައިގަ އެވެ. އަދި އެއް ދަރަޖާގެ ވެއްޓުމަކާއެކު ބްރެޒިލް އަށް ލިބެނީ ދުނިޔޭގެ ހަ ވަނައެވެ. އަދި އެންމެ ފުލަށް ވެއްޓުނީ ޔޫރަޕްގެ ސެން މެރީނޯއެވެ.