ރާއްޖޭގައި އެންމެ ފުޅާކޮށް ސައިކަލުގެ ވިޔަފާރިކުރާ ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި)ގައި ހުޅުވާފައި އޮތް ޕާސަނަލް ސޭވިން އެކައުންޓަކުން 18 މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި އެސްބީއައި ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

ޝީޝާގެ ތިން ބެއިން، އަހުމަދު ހަސަން މަނިކު އާއި އިބްރާހިމް ހުޝާމް އާއި ހުސެއިން ހުޝާމާއި އެ ބޭފުޅުންގެ ވަކީލުގެ ހާޒިރުގައި މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި ހުސައިން ހުޝާމު ވިދާޅުވީ އެ ބޭފުޅުންގެ ޕާސަނަލް ސޭވިން އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން 18 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އާއްމު ދެ މީހެއްގެ ނަމުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ކަމަށެވެ.

މި މަހުގެ 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ މި މަހު 20 ވަނަ ދުވަހު ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ކަމަށް ހުސައިން ވިދާޅުވި އެވެ.

ޝީޝާގެ ވަކީލު އިބްރާހިމް ނާސިރު މުހައްމަދު މިއަދު ވިދާޅުވީ ފެކްސްއެއް ބޭނުންކޮށްގެން އެހާ ބޮޑު އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި އިރު އެސްބީއައި އިން ބަލަން ޖެހޭ ވަރަށް ބަލާފައި ނުވާ ކަމަށާއި 18 މިލިއަން ރުފިޔާ ގެއްލުމުގައި އެސްބީއައިގެ ވަރަށް ބޮޑު އިހުމާލެއްވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ފައިސާ ޓްރާންސްފާ ކުރަން ފޮނުވި ލިއުމުގައި މި އޮންނަނީ އަހުމަދު (އަހުމަދު ހުސެއިން މަނިކު)ގެ ނަން ޖަހާފައި ހުސޭނު (ހުސެއިން ހުޝާމް)ގެ ސޮއި ކޮށްފައި. މިހާ ނިކަމެތި ފެކުހެއްގެ މައްޗަށް މިހާ ބޮޑު އަދަދެއް ދޫކޮށްލީ މީގައި ބޭންކުގެ އިހުމާލެއްވާ ކަމުގެ ވަރަށް ބޮޑު ގަރީނާއެއް. އަނެއްކާ މިހާރު ބޭންކުން ވެސް ގަބޫލު އެބަކުރޭ އެ ސޮޔަކީ ސްކޭންކޮށްފައި ހަދާފައި ހުރި އެއްޗެއް ކަން،" ނާސިރު ވިދާޅުވި އެވެ.

Ibrahim Naasir Mohammed (mp3)

ޝީޝާގެ ތިން ބެއިންގެ ތެރެއިން އަހުމަދު ހަސަން މަނިކު ވެސް ބުނީ ފެކްސް ފޮނުވާފައިވާ އިރު ފެކްސްގެ ރީޑިންގައި އިނީ ވެސް އެހެން ތަނެއްގެ ނަމަކާއި ނަންބަރެއް ކަމަށާއި ބޭންކުން އެވަރު ވެސް ބަލާފައި ނުވާ ކަމަށެވެ.
އަށާރަ މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި ހުސެއިން ހުޝާމް ވިދާޅުވީ ފައިސާ ގެއްލުނު ކަން އެނގިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭންކަށް ސްޓޭޓްމަންޓެއް ނަގަން ފޮނުވީމަ ކަމަށެވެ. އަދި އެކަންތައް ފަޅާ އެރުމުން ބޭންކާ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް އެކަމުގެ ޒިންމާ ނަގާނެ ކަމަށް ބޭންކުން ބުނެފައިނުވާ ކަމަށެވެ. އަދި އެކަމުގައި ބޭންކުން ޒިންމާވާން ޖެހޭތީވެ އިތުރަށް މަޑުނުކޮށް ކޯޓަށް މައްސަލަ ވައްދަން ނިންމީ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ ހައްޔަރުކުރިތާ 24 ގަޑިއިރުތެރޭގައި އޭނާ ވަނީ ދުކޮށްލައިފަ އެވެ. ނަމަވެސް ފަހުން ކޯޓު އަމުރަކާ އެކު އޭނާ ހައްޔަރުކުރަން ދިޔަ އިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. ހައްޔަރު ކުރި ދެ ވަނީ މީހާ އަކީ މިހާރު ވެސް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ގޭ ބަންދުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން 18 މިލިއަން ރުފިޔާ ޓްރާންސްފާ ކުރި ބީއެމްއެލްގެ އެކައުންޓުން 14 މިލިއަން ރުފިޔާ ނަގައި ހަރަދު ކޮށްފައިވާ ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުސް މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ޝީޝާގެ އެކައުންޓަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.