02 Dec 2019, 16:31
ކޮލަމްބޯ (ޑިސެމްބަރު 2): ސްރީލަންކާގައި ހުންނަ ސްވިޒަލޭންޑުގެ އެމްބަސީގެ މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު ރަހީނުކޮށް، އޭނާއަށް ބިރުދެއްކި ކަމަށް ބުނެ އެ އެމްބަސީން ކިޔާދިން ވާހަކަތަކާ އެދުވަހު ކަންތައް ހިނގާ ދިޔާ ގޮތާ ފުށޫ އަރާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، އަނިޔާ ލިބުނު ކަމަށް ބުނާ މުވައްޒަފުގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދިނީ ސްވިސް އެމްބަސީންނެވެ. އަދި އެ އެމްބަސީން ވަނީ އަނިޔާވި މުވައްޒަފާ ވާހަކަ ދެއްކުމަށް ފުލުހުންނަށް ފުރުސަތު ދޭން ދެކޮޅު ހަދާފަ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށްފަ އެވެ.
އެބަޔާނުގައިވާ ގޮތުން ތަހުގީގުން ދެއްކި ގޮތުގައި، މަންޒަރުދުށް ފަރާތްތަކުން ދެއްކި ވާހަކަ އާއި ސީސީޓީވީ ފުޓެޖް ފަދަ ހެކިން އެނގުނު ގޮތުގައި، ހާދިސާ ހިނގި ދުވަހު މުވައްޒަފުގެ ހަރަކާތްތައް ހުރީ އެމްބަސީން ކިޔާ ދިން ގޮތާ ހިލާފަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަ ނުކުރެ އެވެ.
އޭގެ ބަދަލުގައި އެބަޔާނުގައި ވަނީ އެމްބަސީގެ ތުހުމަތުތައް އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނެ، ފުލުހުންނަށް އެމުވައްޒަފާ ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން އެމުވައްޒަފަށް އަނިޔާ ކުރިކަމަށްވެސް އޭނާ ބުނެފައިވާތީ، ޖުޑިޝަލް މެޑިކަލް އޮފިސަރެއް ލައްވާ އޭނާގެ މެޑިކަލް ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ސްވިސް އެމްބަސީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮލަމްބޯގެ މަގުމަތިން ބަޔަކު އެ އެމްބަސީގެ މުވައްޒަފަކު ގަދަކަމުން ކާރަކަށް އަރުވާ ބިރުދެއްކީ، އެމްބަސީއާ ގުޅުން ހުރި މައުލޫމާތު ހޯދުމަށްޓަކަ އެވެ. އަދި ލަންކާގެ ނޫހެއްގައިވާ ގޮތުން އެމީހުން ހޯދަން ބޭނުންވީ ސުވިޒަލޭންޑުގެ ހިމާޔަތަށް އެދިފައިވާ ލަންކާ ފުލުހެއް ކަމަށްވާ ނިޝާންތަ ޑި ސިލްވާގެ މައުލޫމާތެވެ.
ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ގެ ޗީފް އިންސްޕެކްޓަރެއް ކަމަށްވާ ޑި ސިލްވާ ވަނީ މިމަހުގެ 18ގައި ވެރިކަމަށް ވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަ އާއި އެ ސަރުކާރުގެ އިސްކޮށް ތިއްބަވާ އެހެން ބައެއް ބޭފުޅުންނާ ގުޅުން ހުރި ޖިނާއީ މައްސަލަތައް ތަހުގީގުކޮށްފަ އެވެ. އަދި އާ ސަރުކާރު އިންތިހާބުވުމާ އެކު އޭނާއަށް އިންޒާރުތައް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އޭނާގެ އާއިލާއާ އެކު ސުވިޒަލޭންޑަށް ފުރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ލަންކާގެ ރައީސް ގޯޓާބަޔަ ވަނީ ބޭބޭފުޅު އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީކަން ކުރައްވައިފަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.
ނަމަވެސް އެ ދެބޭފުޅުންގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުތައް ކޮށްފަ އެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.