ފިނޭންސް މިނިސްޓްރީން އަންގައިގެން އަތޮޅުތަކުގެ އަތޮޅުގެތައް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގެންދިއުމަކީ ލޯކަލް ކައުންސިލްގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ އަތޮޅުގެތައް އަތޮޅު ކައުންސިލްތަކުގެ ގައުމީ އިދާރާއާ ހަވާލުކުރުމަށް އެންގުމަށް ފަހު ގައުމީ އިދާރާގައި ތިއްބެވި ބޭފުޅުންނަށް އަތޮޅުގެތަކުގައި ތިބެވިފައި، އަތޮޅުޅު ކައުންސިލުގެ ބޭފުޅުން ނުކުންނަން ޖެހުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ. އަދި އެކަމަކީ މިސަރުކާރުން އަތޮޅު ކައުންސިލްތަކުގެ ބާރުކަނޑުވާލަން ހިންގި އަމަލެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"އަތޮޅު ކައުންސިލުން އަތޮޅުގެ އިން ނެރެފައި ގައުމީ އިދާރާގެ މީހުން އެތާގައި ބައިތިއްބާފައި އިންވެންޓްރީ ނެގޭ ކަމުގައިވިއްޔާ ސަރުކާރުން އެ ވިދާޅު ވަނީ އަތޮޅު ކައުންސިލުން އެއީ ވަގުންނޭތޯ. ހޯމް މިނިސްޓަރަކަށް ނޭންގޭނެ ވަގުތުން ވަގުތަށް އަތޮޅުގޭގައި ދިރިއުޅުއްވާ ބޭފުޅުން ނުކުންނެވުމަކަށް. ނުކުންނަވަން އަންގަވާ ނަމަ އެ ބޭފުޅުންނަށް މުހުލަތެއް ވެސް ދެއްވަން ވާނެ އަދި ކައުންސިލްގެ ބޭފުޅުން ނުކުންނަވާ އިރު ގައުމީ އިދާރާގެ ބޭފުޅުން ވެސް ނުކުންނަވަން ޖެހޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ.

ޑީއާރުޕީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެއްސުގައި ބައިވެރިވި ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިޒާމް މިއަދު ވިދާޅުވީ އަތޮޅުގެ އިން ކައުންސިލަރުން ނެރުމަށް ފަހު ގައުމީ އިދާރާއާ އެތަންތަން ހަވާލުކުރަން އަންގާފައި ވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ 139 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި އެއްވެސް އަތޮޅު ކައުންސިލަކުން ހޯމް މިނިސްޓްރީގެ އެންގުމަށް އަތޮޅުގޭތައް ގައުމީ އިދާރާ ނުވަތަ ޕޮލިހާއި ހަވާލު ނުކުރުމަށް ގޮވާލައްވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ އެ އަތޮޅު އަތޮޅުގޭ އަތޮޅު ކައުންސިލް މެމްބަރުންނަށް ބޭނުންނުކުރެވި އެތަނުގައި ގައުމީ އިދާރާ ހިންގަމުންގެންދާ މައްސަލައިގެ ކޯޓް އަޑުއެހުންތައް ނިމިފައި ވަނިކޮށް، ހުރިހާ އަތޮޅުގެތައް ސަރުކާރުން ބޭނުންވާ ގޮތަށް ގައުމީ އިދާރާ އާއި ފުލުހުންނާ ހަވާލު ކުރުމަށް އެންގުމަކީ ގަބޫލްކުރޭވެނެ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި ހޯމް މިނިސްޓަރު ހަސަން އަފީފަށް ފޮނުވަފައިވާ ސިޓިގައި ބުނެފައި ވަނީ އެ މުއްދަތުން ފެށިގެން ހުރިހާ އަތޮޅުގޭގެ އެންމެހާ ކަންތައް ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށާއި އެތަންތަނުގެ އިންވެންޓްރީ ނެގުމަށް ފަހު ކޮޕީ ފިނޭންސަށް ފޮނުވުމަށެވެ.

އޭގެ ދެ ދުވަސް ފަހުން (އިއްޔެ) ހޯމް މިނިސްޓަރު ކަމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހުއަށް އެޑްރެސްކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ ފިނޭންސުން ހޯމް މިނިސްޓްރީއާ އަތޮޅުގެތައް ހަވާލްކޮށްފައި ވާތީ މިވަގުތު ގައުމީ އިދާރާ ހިންގަމުންގެންދާ ހދ. އަތޮޅުގެއާއި ދ. އަތޮޅު އަތޮޅުގެ އާއި ގދ. އަތޮޅު ގެއާއި ޏ. ފުވައްމުލަކު އަތޮޅުގޭ ފިޔަވާ އެނޫން އަތޮޅުގެތަކުގެ އިންވެންޓުރީ ނަގާ އެތަންތަން ވަކިފަރާތަކާ ހަވާލުކުރެވެންދެން މިވަގުތު އަތޮޅުގޭތަކުގައި އެއްވެސް ފަރާތަކުން ދިރިއުޅެމުން ގެންދާ ނަމަ އެފަރާތްތައް އެތަންތަނުން ނެރުމަށް ފަހު އެތަންތަނާ ފުލުހުން ހަވާލުވުމަށް ވަނީ އަންގާފަ އެވެ.

ހދ.، ދ، ގދ، ޏ. އަތޮޅުގެތަކަކީ އެ ސަރަހައްދުތަކުގެ ގައުމީ އިދާރާ ހިންގާ މަރުކަޒުތަކެވެ.