ރައްޔިތުންގެ މަޖިލީހުގެ ދައުަރު ހޮނިހިރު ދުވަހާ ހަމައަށް ދިގުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މީގެ ކުރިން މަޖިލީހުގެ ދައުރު މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ދިގުކޮށްފަ އެވެ. މަޖިލީޙުގެ ގަވައިދު ބުނާގޮތުން މަޖިލީޙުގެ މި ދައުރު ނޮވެމްބަރުގެ މަހުގެ ނިޔަލަށް ނިމޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވީ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ހުރުމުން ދައުރު ދިގުކޮށްދިނުމަށެވެ. އެގޮތަށް ވޯޓަށް އެހުމުން މިއަދު ދައުރު ހޮނިހިރު ދުވަހާ ހަމައަށް ދިގު ކުރުމަށް ފާސްވީ 61 މެމްބަރުންގެ ވޯޓާއެކު އެވެ. އެގޮތަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެވެ.

މަޖިލީހުގެ ދައުރު ހޮނިހިރު ދުވަހާ ހަމައަށް ދިގުކުރަން މަޖިލީހުން ފާސްކޮށްފައި ވާއިރު ގިނަ މަސައްކަތްތަކެއް ނުނިމި މަޖިލީހުގައި އެބަހުއްޓެވެ. އެގޮތުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފަނޑިޔާރުންނަށް ރުހުން ދިނުމާއި، ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކަށް ރުހުން ދިނުން ހިމެނެ އެވެ.

އޭގެ އިތުރުން 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ފާސް ކުރުމުގެ މައްސަލަވެސް މަޖިލީހުގައި އެބައޮތެވެ. ބެލެވޭގޮތުން މިހަފްތާގައި ބަޖެޓް ފާސްކުރާނެ އެވެ.