02 Dec 2019, 15:33
ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ގޮނޑުދޮށްތައް ހިމެނޭ ގައުމަށް ވޯލްޑް ޓްރެވަލް އެވޯޑްގައި ދޭ "ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑް" މިއަހަރު ދިވެހިރާއްޖެއަށް ލިިބިއްޖެ އެވެ.
ޓްރެވަލް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްގައި ދޭ ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑް މިއަހަރު ރާއްޖެއަށް ލިބުނީ ޖުމްލަ 15 މަންޒިލަކާ ވާދަކޮށްގެން އެވެ. ރާއްޖެއަށް މި ޝަރަފުވެރި އެވޯޑް ލިބުނީ ތައިލެންޑާއި މަޔާމީ އާއި ހަވާއީ ފަދަ މަގުބޫލު މަންޒިލްތަކާ ވާދަކޮށްގެން އެވެ.
އެ އެވޯޑް ރާއްޖެއާ ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮމާންގެ މަސްކެޓްގެ ރޯޔަލް އޮޕޭރާ ހައުސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑް ގާލާ ނައިޓްގަ އެވެ.
ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑްގެ އިތުރުން ރާއްޖޭގެ ރިސޯޓްތައް ހިމެނޭ ގޮތުން ޖުމްލަ ހަތް އެވޯޑެއް ވަނީ މިއަހަރުވެސް ރާއްޖެއަށް ލިބިފަ އެވެ. އެއީ؛
ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް:
ހުޅުލޭ އައިލެންޑް ހޮޓަލް (އެޗްއައިއެޗް)
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް:ޖޭއޭ މަނަފަރު
- ލީޑިން އައިލެންޑް ވިލާ:ޑަބްލިއު މޯލްޑިވްސް
- ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް:އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- ލީޑިން އަންޑަވޯޓާ ހޮޓަލް، ރެސްޓޯރަންޓް:އިތާ އަންޑަސީ ރެސްޓޯރަންޓް، ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް:ސަން އެކުއާ ވިލުރީފް
- ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް:ބަރޮސް މޯލްޑިވްސް
މީގެ އިތުރުން ވެސް ރާްއްޖެއިން ވަނީ އެތައް ފަހުރުވެރި އެވޯޑަކަށް ނޮމިނޭޓް ވެސްވެފަ އެވެ. ދުނިޔޭގެ އެންމެ މަގުބޫލު އަދި އަގުބޮޑު މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެފައިވާ އިރު، މިއަހަރުގެ ތެރޭގައި 19 އާ ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މިއަހަރު ނިމޭއިރު އަދަދު ގިނަވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
މިހާރުވެސް 115 ރަށެއްގައި ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއަށްދެ އެވެ. ރާއްޖެއަށް މިއަހަރު ވެސް 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން މިހާތަނަށް އައިސްފައިވެ އެވެ.