02 Dec 2019, 14:19
ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތުށް މެދު ކަނޑާލުމަށް އޮތް އޮތުން ރައްޔިތުންގެ މަޖިލީހުން ބަދަލުކޮށްފި އެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އެވެ.
ކުރިން އެ ގަނާނޫގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ކޮމެޓީގެ މަރުހަލާގައި ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އަނެއްކާވެސް އިނާޔަތާއި ރައްކާތެރިކަން ލިބެން ފަށާނެ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހާއި ދެކޮޅަށް ދެ މެންބަރުން ވަނީ ވޯޓު ދީފަ އެވެ.