02 Dec 2019, 13:52
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ގާޒީ ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އޭނާ ވަކިކޮށް ދިނުމަށް އެދި ވަނީ ރޭ މަޖިލީހަށް ފޮނުވާފަ އެވެ. ޖޭއެސްސީން ރޭ ބޭއްވި ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ކޮމިޝަނުން ބުނެފައިވަނީ ހައިލަމް ފަނޑިޔާރުކަމުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.
އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއިން ބެލުމަށް ފަހު ނިންމީ ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށެވެ. އަދި ހައިލަމް ވަކިކުރުމަށް މިހާރު ވަނީ ތަޅުމަށް ފޮނުވާފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިލަމް ސަސްޕެންޑު ކުރީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕަކަށް ފޮނުވި މައްސަލައިގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްޓަކައި ތަހުގީގަށް ހާޒިރުވުމަށް ޖޭއެސްސީން އެންގުމުން އެކަމަށް އުޒުރުވެރިވެ ވަޑައިގަތުމުންނެވެ.
ގާޒީ ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި އޭނާ ހުކުމް ކުރައްވަން ދެތިން ގަޑިއިރަށް ވެފައި ވަނިކޮށެވެ.
ޖޭއެސްސީއިން މި އަހަރުގެ ތެރޭގައި ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލާފައިވެއެވެ. އަދި އޭގެ ތެރެއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޖިލީހުން ވަނީ މަގާމުން ވަކިކޮށްފައެވެ.